ބޮޑުހިލަ ލިބުމާ އެކު ނިންމާލެވޭ ހިސާބުގައި ހުރި ޕްރޮޖެކްޓްތައް ގިނަ: މުއްޠަލިބު
24 ނޮވެމްބަރު 2026 - 11:22

ރާއްޖެއަށް ބޮޑުހިލަ ލިބުމުގެ ދަތިކަން ކުރިމަތިވެފައި ވުމުގެ ސަބަބުން ބައެއް މަޝްރޫޢުތައް ނިންމުމަށް ހުރަސްއެޅިފައިވާ ކަމަށާއި، ހިލަ ލިބުމާ އެކު ނިންމާލެވޭ ހިސާބުގައި ވަރަށް ގިނަ މަޝްރޫޢުތަކެއް އެބަހުރި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ އިންޑިއާއިން ހިލަ ގެނައުމުގައި މި ވަގުތު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އެއީ ބެންގަލޫރުން ހިލަ ގެންނަން ޖެހުމުން ދިމާވާ ކަމެއް ކަމަށެވެ. މީގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަޙައްދުން ވެސް ހިލަ އެތެރެކުރުން ހުއްޓިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
"އެއީ ގެންނަންޏާ ބެންގަލޫރުން ގެންނަން ޖެހުމުން. މެދުއިރުމަތިންވެސް ގެނައުން ހުއްޓިފައި އޮތީ ހަނގުރާމަ އާއި ގުޅިގެން. އެކަމަށް ހައްލެއް ލިބިއްޖެ ނަމަ ވަރަށް އަވަހަށް ނިމޭނެ ގިނަ މަޝްރޫޢުތަކެއް އެބަ ހުރި،" ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމާއި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ލިބުން ދަތިވުމުގެ ސަބަބުން ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ޓައިމްލައިނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިދިޔަ އޭޕްރީލް މަހު ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ރާއްޖެ އެތެރެކުރާ އިމާރާތްކުރުމުގެ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ތެލުގެ އަގު އުފުލުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް ކަމަށެވެ. އަދި މިދިޔަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ވެސް މަޝްރޫޢުތައް ނިންމުމަށް ފޯކަސްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫޢުތަކެއް ނުނިމި ހުރުމަކީ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މަޝްރޫޢުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންގޮސް އާ މަޝްރޫޢުތައް ފެށުމުގެ ބަދަލުގައި، މިހާރު ފެށިފައި ހުރި މަސައްކަތްތައް އަވަހަށް ނިންމާލުން ކަމަށެވެ.

-01.jpg&w=3840&q=75)
