ސިޔާސީ ޕޯސްޓަކީ ޝަރުއީ ދާއިރާގެ މުވައްޒަފުން ވަކިކުރެވޭނެ ކުށެއް: ސުޕްރީމް ކޯޓު
24 ނޮވެމްބަރު 2026 - 19:10

ފޭސްބުކްގައި ސިޔާސީ ޕޯސްޓްތައް ކުރިކަމަށް ބުނެ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނިޡާމް ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމަކީ ގާނޫނާ އެއްގޮތަށް ކުރި ކަމެއްކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމި 2023/SC-A/22 ގަޒިއްޔާއިން، ނިޡާމް ވަކިކުރުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ބުނެ ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ވަކިކުރުމަކީ ރަނގަޅު ނިންމުމެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި ނިންމުން ދަމަހައްޓައިފިއެވެ. ހައިކޯޓުގެ ހުކުމާ ދެކޮޅަށް ނިޡާމާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށުގައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަކިވަކިން ކުރި ދެ އިސްތިއުނާފު އެއްކޮށް ބަލައި ކުރި މި ނިންމުމާއެކު، ނިޡާމަށް ދޭންޖެހޭ ހައްލު ކަނޑައެޅުމަށް ހައިކޯޓުން ޓްރައިބިއުނަލަށް ފޮނުވި މައްސަލަ ވެސް ބާތިލުވެގެން ދެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ހުކުމުގައިވާ ގޮތުން، ނިޡާމް ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ ވަޒީފާ އަދާކުރަން ފެށީ 20 ޖަނަވަރީ 2019 ގައެވެ. ތަފާތު ނަމެއްގައި ހުރި ފޭސްބުކް އެކައުންޓަކުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޕޯސްޓްތައް ނިޡާމް ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޑިޕާޓްމަންޓަށް ހުށަހަޅައި، މައްސަލަ ބަލައި ރިޕޯޓުކުރަން އެދުނެވެ. ނަން ހާމަނުކޮށް ވިސްލްބްލޯވަރެއްގެ ފަރާތުން ވެސް މިފަދަ ޝަކުވާއެއް ހުށަހެޅުނެވެ. ސުވާލު އުފެދުނީ 13 ޖޫން 2019 އާއި 27 ޖޫން 2019 އާ ދެމެދު، ޖޭއެސްސީއަށާއި ސިޔާސީ އެކި ފަރާތްތަކަށް ނިސްބަތްކޮށް އެކަށީގެންނުވާ ބަސްމަގު ބޭނުންކޮށްގެން ކުރި ސިޔާސީ ޕޯސްޓްތަކާ ގުޅިގެންނެވެ.
ޑިޕާޓްމަންޓުން 27 އޮކްޓޫބަރު 2019 ގައި ނިޡާމުގެ ބަޔާން ނެގުމަށްފަހު، 24 ނޮވެމްބަރު 2019 ގައި ޑިޕާޓްމަންޓުގެ ހިއުމަން ރިސޯސް ކޮމިޓީން އޭނާ ވަކިކުރަން ނިންމިއެވެ. ވަކިކުރީ 5 ޑިސެމްބަރު 2019 ގައެވެ. ވަކިކުރި ސަބަބު އެކަށީގެންވާކަމަށާއި ވަކިކުރި އުސޫލު ރަނގަޅުކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިއެވެ. ނަމަވެސް 22 މާރިޗު 2023 ގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ނިންމީ، ޕޯސްޓްތައް ކުރި އެކައުންޓަކީ ނިޡާމުގެ ނަމުގައިވާ އެކައުންޓެއް ނޫންކަމަށާއި، އެއީ އޭނާ ސީދާ ބޭނުންކުރާ އެކައުންޓެއްކަން ނޭނގޭތީ، ވަކިކުރި ސަބަބު ސާބިތުކޮށްދީފައި ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި ނިޡާމުގެ ދިފާއަކީ، އެ ފޭސްބުކް އެކައުންޓް ހެކްކުރެވިފައިވާ ކަމަށެވެ. އޭނާ ބުނީ ޓްރައިބިއުނަލާއި ހައިކޯޓުން ވެސް އޭނާ ވަކިކުރީ ނެޗްރަލް ޖަސްޓިސް އާއި ޑިއު ޕްރޮސެސްގެ ހަމަތަކާ އެއްގޮތަށްތޯ ނުބަލާ ކަމަށާއި، ވަކިކުރުމުގައި އިންސާފުވެރިކަން ފުރިހަމަ ނުވާ ކަމަށެވެ. ޑިޕާޓްމަންޓުން ބުނީ، ހައިކޯޓުން ވަޒީފާއާބެހޭ ގާނޫނުގައިވާ މިންގަނޑަށްވުރެ ބުރަ މިންގަނޑެއް ތަތުބީގުކޮށްފައިވާ ކަމަށާއި، ހެކްކުރިކަމަށް ބުނާ ދިފާއު ސާބިތުކުރަންޖެހެނީ ނިޡާމް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ މައިގަނޑު ރައުޔު ލިޔުއްވީ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. ތުހުމަތުތައް އަންގައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާތީ، ވަކިކުރުމުގައި އުސޫލީ އިންސާފުވެރިކަން ގާއިމުވެފައިވާ ކަމަށް އެ ރައުޔުގައި ވެއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ކޯޓުތަކުގެ އިދާރީ މުވައްޒަފުން ވަކިކުރުމުގެ ބާރު ލިބިފައިވަނީ ޑިޕާޓްމަންޓަށް ކަމަށްވާތީ، މައްސަލަ ޑިޕާޓްމަންޓުން ތަހުގީގުކުރުމަކީ ގޯސް ކަމެއް ނޫން ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
ވަކިކުރި ސަބަބު ސާބިތުކުރަންޖެހެނީ ވަޒީފާދޭ ފަރާތް ކަމަށް ކޯޓުން ބުނިއެވެ. ނަމަވެސް ޕޯސްޓްތައް ކުރި އެކައުންޓް ހެދީ ނިޡާމް ކަމާމެދު އޭނާ ޚިލާފެއް ނުކުރާތީ، އަދި އެ އެކައުންޓުގައި ހުރީ އޭނާގެ ދަރިންގެ ފޮޓޯއާއި އަމިއްލަ މަޢުލޫމާތު ކަމަށްވާތީ، އެކައުންޓް ހެކްކުރިކަން ސާބިތުކުރުމުގެ ޒިންމާ ފުރޮޅިގެން ދަނީ ނިޡާމުގެ މައްޗަށެވެ. އެކައުންޓް ހެކްކުރިކަމަށް ބުނުން ފިޔަވައި ޑިޕާޓްމަންޓަށް، ޓްރައިބިއުނަލަށް ނުވަތަ ހައިކޯޓަށް ނިޡާމް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި، ހެކްކުރިކަން އެނގުނު ނަމަވެސް އެކަން އެއްވެސް ފަރާތަކަށް ރިޕޯޓުކޮށްފައި ނުވާކަން އޭނާ ވެސް ބުނާ ކަމަށް ހުކުމުގައި ވެއެވެ.
ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ނަމަވެސް، ޝަރުއީ ދާއިރާގެ މިނިވަންކަމާއި ވަކި ފަރާތަކަށް ނުޖެހުމަށް އެ މުވައްޒަފުން އިސްކަންދޭން ޖެހޭ ކަމަށް ކޯޓުން ބުނިއެވެ. ނިޡާމް ކުރި ޢަމަލަކީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރެވިދާނެ ޢަމަލެއް ކަމަށާއި، އެއީ "ޝަރުޢީ ދާއިރާގެ މުވައްޒަފެއްގެ ފަރާތުން އެއްވެސް ޙާލެއްގައި ފެނިގެންނުވާނެ ސުލޫކީގޮތުން ދަށްފަންތީގެ ޢަމަލެއް" ކަމަށް ހުކުމުގައި ވެއެވެ.
ނިޡާމް ވަކިކުރި ސިޓީގައި ހަވާލާދީފައިވާ ގަވާއިދުގެ ނަންބަރަށް އިސްލާހު ގެނެވުނީ ޕޯސްޓްތައް ކުރިތާ ފަހުން، 31 އޮކްޓޫބަރު 2019 ގައެވެ. ޢަމަލު ހިންގި ވަގުތު ނެތް އުސޫލަކަށް ބިނާކޮށް މީހަކު ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށް ކޯޓުން ބުނިއެވެ. ނަމަވެސް ނިޡާމު ކުރި ޢަމަލު އޭރު ވެސް ގަވާއިދުގެ އެހެން މާއްދާއެއްގައި މަނާކޮށް، އޭގެ ނަތީޖާ ކަނޑައެޅިފައި އޮތުމުން، ސިޓީގައި ނަންބަރު ގޯސްވުމަށް ބިނާކޮށް ވަކިކުރުން ބާތިލުނުކުރެވޭނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ. އަދި ހައިކޯޓުން ޓްރައިބިއުނަލަށް މައްސަލަ ފޮނުވި ގޮތަކީ ވެސް ކޯޓުތަކުގެ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ނޫން ކަމަށް ކޯޓުން ބުނިއެވެ.
މި މައްސަލަ ބެލީ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. 2023 ވަނަ އަހަރު ހުށަހެޅުނު މި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ބޭއްވީ 16 އޮގަސްޓު 2023 ގައެވެ. ފަހު އަޑުއެހުން ބޭއްވީ 12 އޮކްޓޫބަރު 2026 ގައެވެ.

-01.jpg&w=3840&q=75)
