"އެމްއެސްއެސް ގަލީނާ" އިން ކޮންޓޭނަ ބޭލުމުގެ މަސައްކަތް ތިލަފުށީގައި ފަށައިފި
25 ނޮވެމްބަރު 2026 - 12:24

ކޮންޓޭނަރ ވެސަލް "އެމްއެސްއެސް ގަލީނާ" އިން ކޮންޓޭނަރ ބޭލުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓާމިނަލްގައި ފަށައިފިއެވެ.
އެމްޕީއެލް އިން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތް ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މިއީ ތިލަފުއްޓަށް ކޮންޓޭނަ އުފުލާ އުޅަނދެއް ކައިރިކޮށް، ކޮންޓޭނަ ބޭލުމުގެ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ތިލަފުއްޓަށް ކައިރިކުރި "އެމް.އެސް.އެސް ގަލީނާ" ރާއްޖެ އައީ ޖުމްލަ 524 ޓީ.އީ.ޔޫ ބަރުކޮށްގެނެވެ. މީގެ ތެރެއިން 490 ޓީ.އީ.ޔޫ ބާލާނީ ތިލަފުށި ކާގޯ ޓާމިނަލަށެވެ.

ތިލަފުށީގައި ކޮންޓޭނަރ ބޭލުމުގެ އޮޕަރޭޝަންސް މި ގޮތަށް ކުރިއަށް ގެންދިއުމަށް ރާވައި، އެކަމާ ގުޅޭ މަސައްކަތްތައް މި ކުންފުނިން ފެށީ މި އަހަރުގެ މެއި މަހުން ފެށިގެންނެވެ. އެއީ، އާދައިގެ މަތިން އައު އަހަރުން ފެށިގެން، ރަމަޟާން މަސް ނިމޭތާ އެއް މަސް ދުވަހާ ހަމައަށް، ރާއްޖެއަށް މުދާ ގެންނަ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެނދުތައް އިތުރުވުމާއި، އައު ރިސޯޓްތައް ހުޅުވުމުގެ ސަބަބުން މުދާ އެތެރެކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
އެހެން ކަމުން، ތިލަފުއްޓަށް ކޮންޓޭނަރ ބޭލުމުގެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ މައްސަަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައި، ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަށް މުދާ ކްލިއަރުކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެކި މަސައްކަތްތައް މި ވަގުތު ކުރިއަށް އެބަދެއެވެ. ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރު ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ދަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެއެވެ.
އެމް.ޕީ.އެލްގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުއްޓަށް ބަދަލުކުރުމެވެ.

-01.jpg&w=3840&q=75)
