ކުޑަކުދިންނަށް ބައެއް ސޯޝަލް މީޑިއާ އެޕްތައް މަނާކުރަނީ، އާންމުންނަށް ބަންދެއް ނުކުރާނެ: ވަޒީރު އިހްސާން
25 ނޮވެމްބަރު 2026 - 14:55

ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ކުޑަކުދިންނަށް މަނާކުރުމުގެ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، ނަމަވެސް އާންމު ރައްޔިތުންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މި ސިޔާސަތު އެކުލަވައިލަނީ އިންޓަނެޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެ ކުދިން ރައްކާތެރިކުރުމުގެ މަޤްޞަދުގައި ކަމަށާއި، މަނާކުރާނީ މުޅި ސޯޝަލް މީޑިއާ ނޫން ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އޮންލައިން މާހައުލުގައި ކުޑަކުދިންނަށް ކުރިމަތިވާ ގްރޫމިން، ސައިބާ ބުލީން، ދޮގު މަޢުލޫމާތު ފެތުރުން އަދި އުމުރާ ނުގުޅޭ ކަންކަމަށް ކުދިން ހުށަހެޅުމުން ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ. ސަރުކާރުން މިހާރު ދިރާސާކުރަމުން ދަނީ ތަޢުލީމީ އަދި ޞިއްޙީ މަޢުލޫމާތު ލިބޭ އެޕްލިކޭޝަންތައް ބޭނުންކުރެވޭ ގޮތަށް ބަހައްޓައި، ގެއްލުންހުރި ކޮންޓެންޓް ހިމެނޭ ސޯޝަލް މީޑިއާ ވަސީލަތްތައް ވަކި އުމުރަކަށް ކަނޑައަޅައިގެން (އޭޖް ރެސްޓްރިކްޓް) ހިފެހެއްޓޭނެ ގޮތްތަކެވެ. މިގޮތުން ސަރުކާރުގެ ޓެކްނިކަލް ޓީމުތަކުގެ ދިރާސާތަކުން މިފަދަ ހިފެހެއްޓުންތަކަށް އެންމެ އެކަށޭނަ އުމުރަކީ 16 އަހަރު ކަމަށް ވަނީ ލަފާދީފައެވެ.
ރާއްޖެ ޑިޖިޓަލައިޒޭޝަނާ ދިމާލަށް ދަތުރުކުރަމުންދާއިރު، "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން އުމުރުން 10 އަހަރުން މަތީގެ ކުދިންނަށް އީފާސް މެދުވެރިކޮށް ތަޢުލީމީ، ޞިއްޙީ އަދި އެ ކުދިންގެ ތަރައްޤީއަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތަކަށް އެކްސެސް ލިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ކުދިން އެކްސްޕްލޮއިޓް ކުރުމާއި ބުލީކުރުން ފަދަ ގެއްލުންހުރި މާހައުލުތަކުން ކުދިން ދުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެހެންޖެހޭ ކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ.
"އެހެންނަމަވެސް މި ދެންނެވި ހާމްފުލް ޗައިލްޑް އެކްސްޕްލޮއިޓޭޝަން ކަހަލަ ކުދިން ބުލީކުރުން ކަހަލަ. އަދި ހާމްފުލް ބައެއް އިންފޮމޭޝަން ކުދިންނަށް އެކްސްޕޯޒްވާ ކަހަލަ މީޑިއާތައް ނޫނީ ސޯޝަލް މީޑިއާތައް އެ ކުދިންނަށް ނުފެންނާނެ ގޮތަކަށް އެ ކުދިންނަށް އޮންލައިންކޮށް ޑިޖިޓަލް އެންވަޔަރަންމަންޓެއްގެ ތެރޭގައި މެނޭޖްކުރެވޭނީ ކިހިނެއްތޯ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތައް ކަމަށްވާ އޮސްޓްރޭލިއާ، ފްރާންސް، ނޯވޭ، އިނގިރޭސިވިލާތް، އެމެރިކާގެ ފްލޮރިޑާ ސްޓޭޓް އަދި ޔޫއޭއީގައިވެސް ކުޑަކުދިން ސޯޝަލް މީޑިއާއިން ރައްކާތެރިކުރުމަށް މިފަދަ ފިޔަވަޅުތައް އަޅަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކެބިނެޓްގެ ސަބް ކޮމިޓީއެއް ކަމަށްވާ ސޯޝަލް ކައުންސިލަށް ޕޭޕަރެއް ވަނީ ހުށަހަޅާފައެވެ.
މިކަމުގައި ސަރުކާރުން ކުރިއަށްދާނީ ސޯޝަލް ކައުންސިލްގެ ލަފައާއެކު، މަދަނީ ޖަމްޢިއްޔާތަކާއި ކަމާގުޅޭ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ޚިޔާލުވެސް ހޯދައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއްވެސް ޤާނޫނަކަށް އިޞްލާޙެއް ގެނައުމުގެ ކުރިންނާއި، ކެބިނެޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

-01.jpg&w=3840&q=75)
