logo
MPL

MPL

ކޯޓް ރޫމް

މިއަހަރު 51 ހުކުމް ކުރުމަށްފަހު ސުޕްރީމް ކޯޓު ރިސެހަށް ދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ނޮވެމްބަރު 2026 - 15:12
އުއްތަމަ ފަނޑިޔާރު ޣަނީ
އުއްތަމަ ފަނޑިޔާރު ޣަނީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، 1 ޑިސެންބަރު 2026 އިން 1 ޖެނުއަރީ 2027 އާ ހަމައަށް ރިސެހަށް ދަނީ، މިއަދާ ހަމައަށް މިއަހަރު 51 ހުކުމް ކުރުމަށްފަހުއެވެ.

އެ ކޯޓުން އިއްޔެ ބުނެފައިވަނީ، ކޯޓުތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ކޯޓު އޮންނާނީ ރިސެހުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިސެހުގެ މުއްދަތުގައި އާންމު ގޮތެއްގައި ޝަރީއަތުގެ އަޑުއެހުމެއް ނޯންނާނެއެވެ. އިސްތިސްނާވަނީ ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަންކަމާއި، ހިނގަމުންދާ މައްސަލަތައް ނިންމުމަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އަޑުއެހުން ބޭއްވުމަށް ކަނޑައަޅާ ހާލަތެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިނަމަ ރިސެސް ނިމި، ކުރިން ހިނގަމުންދިޔަ ދައުރު އަލުން ފަށާނެއެވެ. މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.

މިއަހަރުގެ އެންމެ ފަހު ހުކުމަކީ އިއްޔެ ނެރުނު 51 ވަނަ ހުކުމެވެ. މިދިޔަ އަހަރު އެ ނަންބަރު އޮތީ 33 ގައެވެ. މިއަހަރު އެންމެ ގިނައިން ހުކުމްކޮށްފައިވަނީ ނޮވެންބަރު މަހު ކަމަށްވާއިރު، އެ މަހު 10 ހުކުމާއި އޮކްޓޫބަރު މަހު 8 ހުކުމް ކުރިއެވެ. އޮގަސްޓު މަހު ހުކުމެއް ކޮށްފައެއް ނުވެއެވެ.

މި 51 ހުކުމުގެ ތެރެއިން 46 ހުކުމަކީ އިސްތިއުނާފު މައްސަލަތަކެވެ. ބާކީ ފަހެއްގެ ތެރެއިން ތިނެއް ދުސްތޫރީ މައްސަލައެވެ. އަދި ދޭއް އިންތިޚާބީ މައްސަލައެވެ.

ނަތީޖާ ޔަގީންކުރެވުނު 45 އިސްތިއުނާފުގެ ތެރެއިން 23 މައްސަލައިގައި ހައިކޯޓުގެ ނިންމުމަށް ބަދަލު ގެނެވުނެވެ. އެއީ 16 މައްސަލައެއްގައި މުޅި ނިންމުން ބަދަލުކޮށް، 7 މައްސަލައެއްގައި ނިންމުމުގެ ބައެއް ބަދަލުކޮށްގެންނެވެ. 22 މައްސަލައެއްގައި ހައިކޯޓުގެ ނިންމުން ދެމެހެއްޓިއެވެ. މި ހިސާބުގައި 23 ނޮވެންބަރުގައި ނިންމި ‪2025/SC-A/28 ނުހިމެނެއެވެ.

މިއަހަރު ނިންމި މުހިންމު މައްސަލަތަކުގެ ތެރޭގައި، 4 އޭޕްރީލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނުބޭއްވޭނެކަމަށް ކަނޑައަޅާނެ އަސާސެއް ނެތްކަމަށް ނިންމި މައްސަލަޔާއި، ދަރަންޏެއް ނުދެއްކުމުގެ ސަބަބުން މެންބަރު މުޙައްމަދު ސިނާން މަޖިލިހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައެޅި މައްސަލަ ހިމެނެއެވެ. އަދި އުމުރުން 17 އަހަރުގައި ކުރި މަރުގެ ކުށުގައި ތިން މީހަކު މެރުމަށް ކޮށްފައި އޮތް ހުކުމުގެ އަދަބުގެ ބައި ތިން މައްސަލައެއްގައި ބާތިލުކޮށް، އަލުން އަދަބު ކަނޑައެޅުމަށް މައްސަލަތައް ޖުވެނައިލް ކޯޓަށް ފޮނުވިއެވެ.

ތިން ފަނޑިޔާރުންގެ މަޖިލީހަކުން 44 ހުކުމް ކުރިއިރު، ފަސް ފަނޑިޔާރުންގެ މަޖިލީހަކުން 6 ހުކުމް ކުރިއެވެ. ހަތް ފަނޑިޔާރުންގެ ފުރިހަމަ މަޖިލީހުން ނިންމި ހަމައެކަނި މައްސަލައަކީ، މަޖިލިހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ‪2024/SC-C/02 އެވެ. އަޣުލަބިއްޔަތުން ނިންމިކަން ފާހަގަވަނީ އެ މައްސަލަޔާއި، ޓްރޭޑަރސް ހޮޓެލްގެ ޓެކުހުގެ މައްސަލަ، ‪2022/SC-A/02 އިންނެވެ.

އެންމެ ގިނަ ހުކުމުގައި ބައިވެރިވެފައިވަނީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. އެ ދެ ފަނޑިޔާރުންވެސް 31 ހުކުމުގައި ބައިވެރިވިއެވެ. އެއަށްފަހު ފަނޑިޔާރު ޢަބްދުﷲ ޙަމީދު 27 ހުކުމުގައި، ފަނޑިޔާރު ޙުސައިން ޝަހީދާއި ފަނޑިޔާރު މުޙައްމަދު ސަލީމް 24 ހުކުމުގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު 23 ހުކުމުގައި، އަދި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު 9 ހުކުމުގައި ބައިވެރިވިއެވެ.

ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ 45 ހުކުމުގެ ތެރެއިން އެންމެ ގިނަ ނިންމުން ލިޔުއްވާފައިވަނީ ޑރ. މުޙައްމަދު އިބްރާހީމާއި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީއެވެ. އެއީ 8 ނިންމުމެވެ. ޢަލީ ރަޝީދު ޙުސައިންއާއި ޙުސައިން ޝަހީދު 7 ނިންމުން، ޢާއިޝާ ޝުޖޫން މުޙައްމަދާއި ޢަބްދުﷲ ޙަމީދު 6 ނިންމުން، އަދި މުޙައްމަދު ސަލީމް 3 ނިންމުން ލިޔުއްވިއެވެ.

މިއަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކަށް ބަދަލެއް ނައެވެ. މިހާރުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރަކު އައްޔަންކޮށްފައިވަނީ މިދިޔަ އަހަރެވެ. އެއީ މާރިޗު މަހު ޙުސައިން ޝަހީދު، ޖޫން މަހު ޢަބްދުﷲ ޙަމީދާއި މުޙައްމަދު ސަލީމް، އަދި އޮގަސްޓު މަހު އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީއެވެ.

ކޯޓުގެ ތަފާސްހިސާބުގެ ސަފުހާއިން ދައްކާ ގޮތުގައި މިއަހަރު 34 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މިހާރު 75 މައްސަލަ ހިނގަމުންދެއެވެ. އެ ސަފުހާގައި މިއަހަރު ނިންމާފައިވާ ކަމަށްވަނީ 45 ހުކުމެވެ. ނަމަވެސް ހުކުމްތަކުގެ ނަންބަރު އެޅިފައިވަނީ 51 އާ ހަމައަށެވެ. ވެބްސައިޓުގެ ލިސްޓުގައި މިއަހަރުގެ 6 ހުކުމެއް ނެތެވެ.

މިއަހަރު ހުކުމްކުރި މައްސަލަތަކުގެ ތެރެއިން 12 މައްސަލައަކީ މިއަހަރު ހުށަހެޅި މައްސަލަތަކެވެ. އެންމެ މުސްކުޅި މައްސަލައަކީ 2017 ވަނަ އަހަރު ހުށަހެޅި ‪2017/SC-A/41 އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު 51 ހުކުމް ކުރުމަށްފަހު ސުޕްރީމް ކޯޓު ރިސެހަށް ދަނީކޯޓް ރޫމް | 15 މިނިޓު ކުރިންސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރުގެ އައްޔަންކުރަން ރުހުންދީފިޚަބަރު | 6 ގަޑިއިރު ކުރިންސިޔާސީ ޕޯސްޓަކީ ޝަރުއީ ދާއިރާގެ މުވައްޒަފުން ވަކިކުރެވޭނެ ކުށެއް: ސުޕްރީމް ކޯޓުކޯޓް ރޫމް | 20 ގަޑިއިރު ކުރިންސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް 'އޮނަރަބަލް' ލަގަބު ބޭނުންކުރާގޮތަށް ހަމަޖައްސައިފިކޯޓް ރޫމް | 6 ދުވަސް ކުރިން