ޗައިނާގެ ފަތުރުވެރިއަކަށް މިޔަރެއް ޙަމަލާދީގެން ފަރުވާދެނީ
15 ނޮވެމްބަރު 2024 - 11:30

ކ. މާފުށީގެ ޑައިވް ސެންޓަރަކާއެކު ޑައިވިންއަށް ދިޔަ ޗައިނާގެ ފަތުރުވެރިއަކަށް މިޔަރެއް ޙަމަލާދީގެން ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ޗައިނާއަށް ނިސްބަތްވާ 45 އަހަރުގެ އަންހެން ފަތުރުވެރިއަކަށް މިޔަރެއް ޙަމަލާދީފައިވަނީ، ހުޅުމާލެ ބޭރުގައި އޮންނަ މިޔަރު ޓޭންކް ޑައިވް ޕޮއިންޓަށް، ޑައިވްކުރަން ފައިބައިގެން އުޅެނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މިޔަރު ޙަމަލާދީފައިވަނީ އެ މީހާގެ ބޮލަށެވެ.

Ad by Hajj Corporation
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މާފުށިން ޑައިވިންއަށް ދިޔަ ޗައިނާގެ އަންހެން ފަތުރުވެރިއަކަށް މިޔަރެއް ޙަމަލާދީގެން ފަރުވާ ދެމުންދާ ކަމަށާއި، އެ މީހާގެ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ޑައިވިންއަށް ފައިބާ ފަރާތްތަކަށް މިޔަރު ޙަމަލާ ދިނުމުގެ ހާދިސާތައް ރާއްޖޭގައި މަދުން ނަމަވެސް ހިނގައެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ކުރީކޮޅު، އެމްއެންޑީއެފްގެ ޓްރެއިނިން އެއްގެ ތެރެއިން ކަނޑުމަތީގެ ޓްރެއިނިންތަކެއް ކުރިއަށް ގެންދަނިކޮށް، އުމުރުން 23 އަހަރުގެ ކޯޕްރަލް މުހައްމަދު ޒައިދާންއަށް ވެސް މިޔަރެއް ވަނީ ޙަމަލާދީފައެވެ. އެ ޙަމަލާތަކަށް ފަރުވާދެމުންދަނިކޮށް ޒައިދާން ވަނީ ނިޔާވެފައެވެ.
އަދި މި އަހަރުގެ ފެބްރުވަރީ މަހު، ހއ. އަތޮޅުގައި ފާނަ މަސްވެރިކަން ކުރަމުން އައި ދޯންޏެއްގެ މަސްވެރިޔަކަށް ވެސް މިޔަރެއްގެ ޙަމަލާ އަމާޒުވެ، އެ މީހާގެ އަތް ވަނީ ވަރަށް ބޮޑަށް ޒަޙަމްވެފައެވެ.


