އެމްޓީސީސީގައި 18 ބިލިއަން ރުފިޔާގެ މަޝްރޫޢު ކުރިއަށް ނުގެންދެވި އެބަހުރި
18 ނޮވެމްބަރު 2024 - 13:30

އެމްޓީސީސީގައި 18 ބިލިއަން ރުފިޔާގެ މަޝްރޫޢު ކުރިއަށް ނުގެންދެވި އެބަހުރި ކަމަށާއި މަޝްރޫޢުތައް ހުއްޓުނީ އެކަށީގެންވާ އަދަދަށް ބަޖެޓުގައި ފައިސާ ޖަހާފައި ނެތުމުން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މީގެ ކުރިން ބަޖެޓުތައް ހުށަހެޅުމުގައި ކަންކަން ކުރަމުން އައިގޮތަށް މަޝްރޫޢުތަކުގެ ލިސްޓެއް ހަދައި އެ މަޝްރޫޢުތަކަށް ކުދި އަދަދުން ޖަހައިގެން ފަށައިގަނެފިނަމަ ގިނަ މަޝްރޫޢުތައް ހުންނާނީ ބަޖެޓު ނެތި ނުވަތަ ކޭޝްފްލޯ ނެތި ކުރިއަށްނުގޮސް ކަމަށެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާނެ ކަމަށެވެ.
މާލީ ވަޒީރު ވިދާޅުވީ ސަރުކާރުގެ ނިންމެވުމާއެއްގޮތަށް މިއަހަރު ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނެ ކަމަށެވެ.

Ad by Hajj Corporation
އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމުގެ ދަށުން އެ ކުންފުނިތަކަކީ ޖަވާބުދާރީވާންޖެހޭ ގޮތަށް ހިންގާ ތަންތަނަށް ހަދާނެ ކަމަށާއި އެއް މަސައްކަތެއް ކުރާ ކުންފުނިތައް އެއްކޮށްލައިގެން ނަތީޖާ ރަނގަޅުވާނަމަ އެ ބަދަލުވެސް ގެންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.


