ޔޫކްރޭނުން އެމެރިކާގެ މިސައިލުން ރަޝިޔާއަށް ހަމަލާ ދީފި

.jpg&w=3840&q=75)
20 ނޮވެމްބަރު 2024 - 06:12
ރަޝިއާއަށް ހަމަލާދިނުމަށް ޔޫކްރެއިނުން އެމެރިކާގެ ދުރުރާސްތާ މިސައިލްތައް ފުރަތަމަ ފަހަރަށް ބޭނުންކޮށްފިކަމަށް ރަޝިއާއިން ބުނެފިއެވެ.
ރަޝިއާގެ ދިފާއީ މިނިސްޓްރީން ބުނެފައިވަނީ އެމެރިކާއިން ދިން އެޓެކްއެމްއެސް (ATACMS) މިސައިލްތައް ޔޫކްރެއިނުން ބޭނުންކޮށްގެން އަންގާރަ ދުވަހު ރަޝިއާގެ ސަރަހައްދަށް ހަމަލާދީފައިވާ ކަމަށެވެ. މިއީ މި މިސައިލްތައް ބޭނުންކުރި ފުރަތަމަ ފަހަރު ކަމަށް ރަޝިއާއިން ބުނެފައިވެއެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވަނީ ، އެމެރިކާއިން މިސައިލްތައް ފޯރުކޮށްދިނީ ހަނގުރާމައިގައި، އަލިފާނަށް ދަރު އެޅުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ހަނގުރާމައެއް އަލުން ފަށާނެ ކަމުގެ އިންޒާރު ދީ، އެ ސިސްޓަމްތައް ހިންގުމުގައި އެމެރިކާގެ އަސްކަރީ މާހިރުން ބައިވެރިވި ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މޮސްކޯއިން އިތުރަށް ބުނެފައިވަނީ މީގެ ތެރެއިން 5 މިސައިލް ވަނީ ވައިގެ ދިފާއީ ނިޒާމުން ވައްޓާލާފައި ކަމަށާއި، އަނެއް މިސައިލަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި މިސައިލްތަކުގެ ބައިތައް ވެއްޓުނީ ބްރިއަންސްކް ސަރަހައްދުގައި ހުރި އަސްކަރީ ތަނެއްގެ ޓެކްނިކަލް ސަރަހައްދަށް ކަމަށާއި، އޭގެ ސަބަބުން އަލިފާން ރޯވި ނަމަވެސް އަވަހަށް ނިއްވާލެވުނު ކަމަށް ރަޝިޔާއިން ބުނެއެވެ. އަދި އެއްވެސް ގެއްލުމެއް ނުވަތަ މީހަކަށް ވެސް އަނިޔާ ނުވާކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެއްވެސް މީޑިއާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޔޫކްރެއިނުގެ ގިނަ މީޑިއާތަކުން، ނަން ހާމަކުރަން ބޭނުން ނުވާ އަސްކަރީ މަސްދަރުތަކާ ހަވާލާދީ، އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވަނީ، ޔޫކްރެއިނުގެ ބާރުތަކުން ބްރިއަންސްކްގެ ކަރަޗެވް ރަށުގައި ހުރި ރަޝިއާގެ އަސްކަރީ ތަނަކަށް އެމެރިކާއިން ދިން މިސައިލްތައް ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ.
މި ހަމަލާ ކަށަވަރުވެއްޖެނަމަ، މިއީ ވޮޝިންގްޓަނުން އެޓެކްއެމްއެސް މިސައިލްތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަށްފަހު ޔޫކްރެއިނުން ރަޝިއާގެ ސަރަހައްދަށް މި މިސައިލްތައް ބޭނުންކުރި ފުރަތަމަ ފަހަރު ކަމުގައި ވާނެއެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކުގައި މިސައިލް ބޭނުންކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެންމެ ފަހުގެ ޙަމަލާތަކާއެކު ކިއެވްއަށް މިހާރު އަމާޒުކުރެވޭނީ ކުރުސްކް ސަރަޙައްދުގެ ވަށައިގެންވާ ރަޝިޔާގެ ސަރަޙައްދުގެ އަޑިއަށް ކަމަށާއި، އެސަރަޙައްދުގައި ކުރިއަށް އޮތްތަނުގައި ޔޫކްރެއިންގެ ކައުންޓަރ އެޓޭކްތައް ފެނިގެންދާނެކަމަށް ބެލެވެއެވެ. 300 ކިލޯމީޓަރުގެ ރޭންޖެއް ހިމެނޭ މި މިސައިލްތަކަކީ އިންޓަސެޕްޓް ކުރަން އުނދަގޫ މިސައިލްތަކެއް ކަމަށް ބެލެވެ އެވެ.