logoEN
ދުނިޔެ

ޔޫކްރެއިން ހަނގުރާމައިން މުޅި ދުނިޔެއަށް އަސަރުކުރާނެ: ޕޫޓިން

 ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބުގެ ތެރެއިން---- ފޮޓޯ/ރޮއެޓާސް

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބުގެ ތެރެއިން---- ފޮޓޯ/ރޮއެޓާސް

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް

24 ނޮވެމްބަރު 2024 - 04:30

އެމެރިކާއާއި ޔޫކްރެއިނާއި ހުޅަނގުގެ އަމަލުތަކާ ގުޅިގެން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މަސްރަޙު އިތުރަށް ނުރައްކާވެ، ބޮޑު ހަނގުރާމައަކާ ދިމާއަށް ދުނިޔެ މިސްރާބު ޖަހާފައިވާ ކަމަށް ވިދާޅުވެ، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އިންޒާރު ދެއްވައިފިއެވެ. މީގެއިތުރުން އިތުރު ހަމަނުޖެހުންތައް އުފެދިއްޖެ ނަމަ ރަޝިޔާއިން އެކަމަށް ބޮޑަށް ރައްދު ދޭނެ ކަމުގެ އިންޒާރުވެސް ޕުޓިން ދެއްވިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހާއި 21 ވަނަ ދުވަހު ޔޫކްރެއިންއިން ވަނީ އެމެރިކާއިން އުފެއްދި އޭޓީއޭސީއެމްއެސް އަދި ބްރިޓިޝް ސްޓޯމް ޝެޑޯ މިސައިލް ބޭނުންކޮށްގެން ރަޝިޔާގެ ސަރަހައްދަށް މިސައިލް ހަމަލާތަކެއް ދީފައެވެ. ޕުޓިން ވިދާޅުވީ، މި ހަމަލާތަކުގެ ސަބަބުން،ރަޝިޔާގެ ގިނަ ބަޔަކު މަރުވެ، ޒަހަމްވި ކަމަށެވެ. އަދި ރަޝިޔާއިން ޔޫކްރެއިންގެ ޑިނީޕްރޯގެ އަސްކަރީ މަރުކަޒަކަށް އާ ވައްތަރެއްގެ ހައިޕަސޮނިކް މީޑިއަމް ރޭންޖް ބެލިސްޓިކް މިސައިލެއް ކަމަށްވާ "އޮރެޝްނިކް" ފޮނުވާލާފައިވަނީ މި ހަމަނުޖެހުންތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި، އެމެރިކާއާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ން ދަނީ ޔޫކްރެއިނަށް ވާގިވެރިވަމުންނެވެ. އަދި، ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، މި ހަނގުރާމައަކީ، ޕްރޮކްސީއެއް ނުވަތަ މެދުވެރިއެއްގެ ގޮތުގައި ޔޫކްރެއިން ބޭނުން ކޮށްގެން ނޭޓޯން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެކެވެ.އެމެރިކާއިން ޔޫކްރެއިނަށް އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމަށް އެ ހަތިޔާރުތައް ބޭނުން ކުރުން އޮތީ މަނާކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ދާދިފަހުން ވަނީ އެ ކަމުގެ ހުއްދަ ޔޫކްރެއިނަށް ދީފައެވެ. އޭނާ މި ގޮތަށް އަމަލު ކުރައްވާފައި ވަނީ، ނޮވެންބަރު 5ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭނާގެ ޑިމޮކްރެޓިކް ޕާޓީ އަދި ރިޔާސީ ކެނޑިޑޭޓު، ނައިބު ރައީސާ ކަމަލާ ހެރިސަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެންނެވެ.

2025 ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު، ފުރަތަމަ ދުވަހުގެ ތެރޭގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ. ނަމަވެސް، އެ ކަން ހާސިލު ކުރައްވާނެ ގޮތް ހާމަ ކުރައްވާފައެއް ނެތެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕްގެ ވެރިކަމުގައި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލާނެ، ނުވަތަ މަދު ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ. ޓްރަމްޕް ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމުގެ ކުރިން ޔޫކްރެއިނަށް ވީހާވެސް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދިނުމަށް ބައިޑަންގެ ސަރުކާރުން މިިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder