logoEN
ޚަބަރު

އިސްރާއީލަށް ފިޔަވަޅުއަޅަން އެމްޑީޕީއަށް 5 އަހަރުގެ ފުރުސަތެއް ލިބުނު، އެކަން ނުކޮށް މިހާރު އުޅެނީ މާހެޔޮއެދޭ ބައެއްކަން ދައްކަން: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ

20 ނޮވެމްބަރު 2024 - 18:05

އިސްރާއީލުގެ ޖަރީމާތައް އެންމެ ބޮޑުވި ވަގުތު އެ ޤައުމާމެދު ފިޔަވަޅުއަޅަން އެމްޑީޕީއަށް 5 އަހަރުގެ ފުރުސަތެއް ލިބުނުކަމަށާއި، އެ ފުރުސަތުގައި އެކަން ނުކޮށް މިހާރު އުޅެނީ މާހެޔޮއެދޭ ބައެއްކަން ދައްކަންވެގެން ކަަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހީމް އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ޤަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މި ބަހުސްގައި މުހައްމަދު އިސްމާއީލް ދެއްކެވި ވާހަކާގައި ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓް މަނާނުކޮށްގެން އެމްޑީޕީން ކުއްލި މައްސަލަ ހުށަހަޅައި، އެމްޑީޕީގެ މެންބަރުން ތެދުވެ މަޖިލިސް ތަޅުމުގައި މާބޮޑަށް އިސްރާއީލުގެ ވާހަކަދާ ހައްދަވާނީ އޭނާ އަޖައިބުވެލައްވައެވެ. އަދި އެމްޑީޕީގެ މެމްބަރުން ދަނީ ރައްޔިތުންނަށް އޮޅޭގޮތަށް ބައިވަރު ވާހަކަތަކެއް ދައްކަމުން ކަމަށް ވެސް ވިދާޅުވިއެވެ.

''މި ބޭފުޅުންގެ ވެރިކަމުގައި 2008 އިން އުފެދުނު ވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން ދުށީމު އިޒްރޭލުގެ ޑޮކްޓަރުންތަކެއް ގެނެސްގެން ދިވެހި ރައްޔިތުންގެ، 100% މުސްލިމު ޤައުމެއްގެ ރައްޔިތުންގެ ލޮލުގެ ފަރުވާއަށް ޑޮކްޓަރުންތަކެއް މުޅި ރާއްޖޭގެ އެތައް މިތަނުގައި ފަތުރާ، ތަޢުލީމީ ނިޒާމު ތެރެއަށް އިޒްރޭލުގެ އެތައް ބަޔަކު ގެނެސްގެން އެ މީހުން ތަޢުލީމީ ނިޒާމު ތެރެއަށް ވައްދައިގެން އެކި މަސައްކަތްތަކެއް ކުރަން އުޅެނިކޮށް އަޅުގަނޑުމެން އެ ތަން ދުށީމު'' މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ނޫސްތަކުގައި އެ ވާހަކަތައް ލިޔެފައި އެބަހުރިކަމަށާއި، އެމްޑީޕީއަށް 5 އަހަރު ، 1825 ދުވަސ،ް 60 މަސް، މަޖިލީހުގައި ސުޕަރ މެޖޯރިޓީއެއް އޮވެ ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އެއީ އިސްރާއީލުގެ އަނިޔާވެރިކަން އެންމެ ހައްދުން ނެއްޓި ދުވަސްވަރުކަމަށް ވިދާޅުވިއެވެ.

''އިޒްރޭލުގެ މައްސަލަ އެންމެ ހޫނުވެގެން އައި ދުވަސްވަރު، ނިމިދިޔަ ސަރުކާރުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ، 5 އަހަރު، 1825 ދުވަސް، 60 މަސް، އިއްޒަތްތެރި ރައީސް؛ އެ ޕާސްޕޯޓެއް މަނާކުރަން ބިލެއް ލައިގެން، އިމިގްރޭޝަން ގާނޫނަށް އިޞްލާޙެއް ގެނެސްގެން އެކަން ކުރާނެ ފުރުޞަތު މިބޭފުޅުންނަށް ލިބުނޭ، ލިބި އެކަން ނުކޮށް ތިބެ މިއަދު ޕީއެންސީގެ ސަރުކާރެއް އައިމަ އެކަން ރައްޔިތުންނަށް މި ބޭފުޅުން މާބޮޑަށް ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކޮށ،ް ފަލަސްޠީނަށް މާ ހެޔޮއެދޭ، މާ ރަނގަޅު މުސްލިމު ބައެއްކަމަށް ދައްކަންވެގެން މަސައްކަތްތަކެއް ރައްޔިތުންނަށް އޮޅޭގޮތަށް ކުރަމުންދާތީ އެކަން އަޅުގަނޑު ފާހަގަކޮށްލަން'' މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder