އިޒްރޭލުން ލުބްނާނަށް ބޮން އަޅާ 47 މީހުން ޝަހީދުކޮށްލައިފި
23 ނޮވެމްބަރު 2024 - 04:01

ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ޤައުމުގެ އިރުމަތީގައި އޮތް ބަޢަލަބަކައަށް ނިރުބަވެރި ޙަމަލާތަކެއްދީ 47 މީހުން ޝަހީދު ކޮށްލައިފިއެވެ. ލުބްނާންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް އިތުރުކޮށް، ނުރައްކާތެރި ކޮށްފައި މި ވަނީ، އެ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދެމުންދާ ދަނޑިވަޅެއްގައެވެ.
ފާއިތުވި ދުވަސްތަކުގައި ބޮމުގެ ހަމަލާތައް އަމާޒުވެފައި ވަނީ ހިޒްބުاللهގެ ބާރުގެ ދަށުގައި އޮންނަ ދެކުނުގެ ބެއިރޫތު ޑިސްޓްރިކްޓެއް ކަމަށްވާ ދަހިޔާ ގެ އިތުރުން އެކި ސަރަހައްދުތަކަށެވެ. އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ވަނީ މި ހަމަލާތައް ކަށަވަރުކޮށްދީ، އެ ސަރަހައްދަކީ ހިޒްބުاللهގެ ބާރުގަދަ ސަރަހައްދެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

Ad by Hajj Corporation
ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުވުމާ ގުޅޭ އެއްބަސްވުމެއްގެ ދެލިކޮޕީ އެމެރިކާއިން ދާދި ފަހުން ވަނީ ލުބްނާންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަބީޙް ބައްރީއަށް ހުށަހަޅާފައެވެ. މަޝްވަރާތަކުގައި ޙިޒްބުالله ތަމްސީލު ކުރައްވަނީ ބައްރީއެވެ. އަދި، އެމެރިކާގެ ހުށަހެޅުމަށް ލުބްނާންގެ ސަރުކާރުގެ އިތުރުން ޙިޒްބުاللهން ވަނީ ލިޔުމުން ރައްދު ދީފައެވެ.
މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާ، އެ ޤައުމުގެ ރައީސް ޖޯ ބައިޑަންގެ ޚާއްޞަ މަންދޫބު އަމޮސް ހޮކްޝަތެއިން ހުސްވި ހަފުތާގައި ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ވަޑައިގަންނަވައި، ލުބްނާން ސަރުކާރުގެ އިސްވެރިންނާ މަޝްވަރާތައް ބާއްވަވާފައެވެ. އެއަށްފަހު އޭނާ ވަނީ ޒަޔަނިސްޓު އިސްރާއީލަށް ވަޑައިގަންނަވައި، އެ ޤައުމުގެ ހައްދުފަހަނަ އެޅި ބޮޑު ބަޒީރު ބެންޖަމިން ނަތަންޔާހޫއާއި ނިރުބަވެރި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒާ ބައްދަލު ކުރައްވާފައެވެ. ހޮކްޝަތެއިނަކީ ވެސް ޔަހޫދީއެކެވެ. އަދި، ޔަހޫދީ ފައުޖުގައި ޚިދުމަތް ކޮށްފައިވާ މީހެކެވެ. އޭނާ ވިދާޅުވީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި، ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ.
ލުބްނާން ސަރުކާރުގެ މަޞްދަރަކުން ބުނީ، އެމެރިކާގެ ހުށަހެޅުމަށް ބައެއް އިސްލާހުތައް ގެނައުމަށް ހުށަހަޅާފައިވާނެ ކަމުގައެވެ. އޭގެ ތެރޭގައި، ލުބްނާންގެ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ޤައުމުން ފޭބުމަށް އެކުލަވައިލާފައިވާ ތާވަލަށް ބަދަލުގެނެސް، ވީ އެންމެ އަވަހަކަށް ޔަހޫދީ ސިފައިން ބޭލުން ހިމެނެއެވެ.
މަޝްވަރާތައް ކުރިއަށްދާ މި ދަނޑިވަޅުގައި ޔަހޫދީ ފައުޖުން ދަނީ ޤަތުލުޢާންމު ވެސް އިތުރަށް ފުޅާ ކުރަމުންނެވެ. ބަޢަލަބަކަ-އަލް-ހަރްމަލް ޕުރޮވިންސުގެ ގަވަރުނަރު ވިދާޅުވީ، އެ ސަރަޙައްދަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 47އަށް އުފުލިފައިވާއިރު، އިތުރު 22 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތްކޮށް، ޝަހީދު ކޮށްލާފައިވާ އިތުރު މީހުންގެ ހަށިތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.


