އެފްއެސްއެމްގެ އެމްޑީ ޝުހައިލް އިސްތިއުފާ ދެއްވައިފި
26 ނޮވެމްބަރު 2024 - 10:35

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިސްމާއިލް ސުހެއިލް އިސްތިއުފާދެއްވައިފިއެވެ.
މެންދުރުޓީވީއަށް މުއުތަބަރުކޮށް ލިބުނު މައުލޫމާތުގައިވާގޮތުން އެމްޑީ ޝުހައިލް އިސްތިއުފާދެއްވީ ކުންފުނި ތެރޭގައި ހިންގަމުން ދިޔަ ބޮޑެތި ވައްކަންތައް ހުއްޓުވާ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމަށް މަސައްކަތް ފެއްޓެވުމާއެކު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މުވައްޒަފުންތަކެއް އެމްޑީގެ އަބުރުފުޅު ކަތިލަން މަސައްކަތްކުރަމުންގެންދިއުމާ ގުޅިގެންނެވެ.

Ad by Hajj Corporation
ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ގެންގުޅުއްވާ ކޮރަޕްޝާންގެ ޒީރޯ ޓޮލަރެންސަކީ އޭނާގެ ވެސް އަމާޒުކަމަށާއި އަބުރު ކަތިލި ނަމަވެސް އެކަމުގައި ފަސް ނުޖެހޭނެ ކަމަށް ސުހެއިލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
"ވެގެން އުޅޭ ގޮތަކީ ވަކި ބަޔަކު ޑޮމިނޭޓު ކުރަން ބޭނުންވާ ގޮތަށް ކުންފުނީގެ ބޯޓުތައް ޑޮމިނޭޓު ނުކުރެވިގެން އެކަމުގެ ބަދަލު ހިފަނީ. ނަމަވެސް ކޮރަޕްޝަން ހިންގަން ފުރުސަތު ދެވޭކަށް ނެތް. އަބުރު ކަތިލަންޏާ ކަތިލަންވީ. އެކަމަކުވެސް ކޮރަޕްޝަން ހުއްޓުވުމުގައި ނެތް ފަހަތަށް ޖެހެވޭކަށް"
އޭރު ދައުރުވި ވާހަކަތަކާ ގުޅިގެން އިތުރަށް ސުހެއިލް ވިދާޅުވީ، އޭނާގެ މަސްލަހަތު އޮންނަ ޖަމްއިއްޔާއަކަށް ފައިސާ ޖަމާކުރާ ވާހަކައަކީ ވެސް ދޮގެއް ކަމަށާއި އޭނާގެ އެއްވެސް ބައިވެރުވުން އޮތް އެއްވެސް ޖަމްއިއްޔާއެއް ނޯންނާނެ ކަމަށެވެ.
ސުހެއިލް ވިދާޅުވީ، ކޮރަޕްޝަން ހިންގާ، ތެލުގެ ވަގު ވިޔަފާރި ކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށާއި އަބުރު ކަތިލަންޏާ ކަތިލަންވީ ކަމަށެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ހިއްސާ ކޮށްފައިވަނީ ވެސް ދާދި ފަހުން ބޯޓު ބަދަލު ކުރި ދެ މުވައްޒަފަކު މެދުވެރިކޮށް ކަމަށެވެ.
ބޯޓު ބަދަލުކުރި އެއް މުވައްޒަފަކީ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުގައި ބޯޓު ބަދަލުކުރި މުވައްޒަފެއް ކަމަށާއި އަދި އަނެއް މުވައްޒަފަކީ އޮންނަ އުސޫލުގެ ތެރެއިން ވަކި މުއްދަތަކަށް ބޯޓު ބަދަލުކުރި މުވައްޒަފެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން ވެސް މެންދުރު ޓީވީއަށް މުއުތަބަރުކޮށް ލިބުނު މައުލޫމާތުގެ ތެރޭގައި އެމްޑީ ސުހެއިލްގެ ހަރުކަށި ނިންމެވުންތަކުގެ ސަބަބުން "އެމްޑީޕީ"އަށް ނިސްބަތްވާ މެޖޯރިޓީ މުވައްޒަފުންނާ ވެރިން ވަނީ މީގެ ކުރިން، އެތެރޭގެ ބަޣާވާތަކުން ސުހެއިލް މަގާމުން ދުރުކުރަން ވެސް ސިއްރު ޖަރީމާތަކެއް ހިންގާފައެވެ.


