މަޖިލިސް މެމްބަރުންތަކެއް އިންޒާރުދިންކަމަށް ބުނެ ފަތުރަނީ ބޮޑު ދޮގެއް: އަލީ އާރިފް
3 ޑިސެމްބަރު 2024 - 03:41

ޑިމާންޑްތަކާއި އެއްގޮތަށް ކަންނުކުރާނެކަމަށް ބުނެ ޕީއެންސީގެ މަޖިލިސް މެމްބަރުންތަކެއް، ޕީޖީ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް އިންޒާރުދިންކަމަށް ބުނެ ނޫހަކުން ގެނެސްފައިވާ ޚަބަރު ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދޮގުކުރަށްވައިފިއެވެ.
އެ ޚަބަރުގައިވާގޮތުން އަލީ އާރިފް ވެސް ވަނީ އެ ޕީޖީ މީޓިންގ ގައި ބައިވެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation
މި ޚަބަރަށް ރައްދުދެއްވައި ޢަލީ އާރިފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
''ޙަޤީޤަތާއި ވަރަށް ދުރު، އެއްވެސް ޙަޤީޤަތެއްނެތް ބުހުތާން ވާހަކައެއް'' އަލީ އާރިފް ވިދާޅުވެފަވެއެވެ.
އެ ޚަބަރުގައި ބުނެފައި ވަނީ ޕީއެންސީގެ ޕީޖީ ގުރޫޕު ބައްދަލުވުމުގައި ދައުލަތުގެ ތިން މިނިސްޓަރަކު ވަކިކުރުމަށާއި ޕާޓީ ހިންގުމުގެ ބާރު މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއަށް ދިނުން ހިމެނޭހެން ގިނަ ޑިމާންޑުތަކެއްކޮށް، އެކަންކަން ނުކުރާނަމަ ޕާޓީ ދޫކޮށްލަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ދިންކަމަށެވެ.
މިފަދަ ވާހަކައެއް ފެތުރިއިރު، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްވާ އިރުޝާދާއި އިޚްތިޔާރުގެ ދަށުން މިހާރުވެސް ޕީއެންސީ ހިންގެވުމުގެ އެންމެ އިސްސަފުގައި އެންމެ އިސްކޮށް މަސައްކަތްކުރަށްވަނީ އެ ޕާޓީގެ ޗެއާޕާސަން، މަޖިލިސް ރައީސް އަބުދުއްރަހީމްކަން ފާހަގަކޮށްލެވެއެވެ.


