ސްރީ ލަންކާގެ ރައީސް އަނޫރާގެ ފުރަތަމަ ދަތުރުފުޅު އިންޑިއާއަށް
.jpg&w=96&q=75)
16 ޑިސެމްބަރު 2024 - 04:29

ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެން ސްރީ ލަންކާގެ އާ ރައީސް އަނޫރާ ކުމާރު ދިސެނަޔަކާ ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިއްޔެ އިންޑިއާ އަށް ވަޑައިގަންނަވައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރެއްވާ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވެވި ފުރަތަމަ ދަތުރުފުޅެވެ.
އަނޫރާ ކުމާރު ދިސެނަޔަކާ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސް ޑްރޯޕަދީ މުރްމޫއާ ބައްދަލުކުރައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އިންޑިއާގެ ބައެއް އިސް ވެރިންނާ އެކު މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިގްތިސާދީ ގުޅުންތަކާއި ސަރަހައްދީ ސަލާމަތާ ގުޅޭ ގޮތުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގޮތަށް މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ.
މީގެއިތުރުން އިންޑިއާ އާއި ސްރީލަންކާއާ ދެމެދު އިންވެސްޓްކުރުމާއި ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ނިއު ދިއްލީގައި ބާއްވާ ބިޒްނަސް އިވެންޓެއްގައި ވެސް ޑިސަނަޔަކަ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިންޑިއާގެ އެންމެ ގާތް އަވަށްޓެރި ގައުމެއްގެ ގޮތުގައި އޮތް ލަންކާއަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ ސާގަރު (ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން) ނުވަތަ ސަރަހައްދީ ރައްކާތެރިކަމާއި ތަރައްޤީ އަދި އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތުގައި މުހިންމު ރޯލެއް އަދާކުރާ ގައުމެކެވެ.
އަނޫރާ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖަޔަޝަންކަރު ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ސެޕްޓެމްބަރު މަހު ލަންކާގެ ރައީސް ކަމަށް އަނޫރާ ވަޑައިގެންނެވުމުން ޖަޔަޝަންކަރު ވެސް ވަނީ ލަންކާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.
އަނޫރާ ވެރިކަމަށް ވަޑައިގަތީ ލަންކާ ބަނގުރޫޓުވެ އިގްތިސާދީ ކާރިސާއެއް ކުރިމަތިވުމުން އުފެދުނު ހަމަނުޖެހުންތަކުގައި އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވިތާ ދެ އަހަރު ފަހުން ބޭއްވި އިންތިޚާބުގައެވެ.