އާޒިމާގެ މައްޗަށް އެމްއައިބީއަށް 4.5 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި
16 ޑިސެމްބަރު 2024 - 13:02

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު މޯލްޑީވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ލޯނާއި ގުޅިގެން އެބޭންކަށް 4.5 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އަނެއްކާވެސް އާޒިމާގެ މައްޗަށް ހުކުމްކޮށްފި އެވެ.
ސިވިލްކޯޓުން އާޒިމާގެ މައްޗަށް މިދިޔަ ޖެނުއަރީ މަހު ހުކުމް ކުރީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓެއް ގަތުމަށް އެމްއައިބީން އާޒިމާ ނެންގެވި ލޯނު މައްސަލާގަ އެވެ.

Ad by Hajj Corporation
އޭރު ސިވިލް ކޯޓުން ހުކުމް ކުރީ އޭނާގެ ގައިރު ހާޒިރުގަ އެވެ. އަދި އެ ހުކުމް މުރާޖައާ ކޮށްދިނުމަށް އާޒިމާގެ ފަރާތުން ސިވިލްކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
ހުކުމް މުރާޖައާ ކޮށްދިނުމަށް އާޒިމާގެ ފަރާތުން ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ފާހަގަކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުން ޣައިރު ހާޒިރުގައި ހުކުމް ކުރުމުގެ އިޖުރާއަތު ފުރިހަމަ ނުވާކަމަށެވެ.
އިއްޔެ ސިވިލްކޯޓުން ވަނީ އޭނާގެ މައްޗަށް އޭރު ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބާތިލް ކަމަށް ކަނޑައަޅާފަ އެވެ. އަދި ރަހުނު ބަހައްޓައިގެން ޑިމިނިޝިން މުުޝަރަކާ ފައިނޭންސިން ފެލިސިޓީގެ އުސޫލަކުން އެމްއައިބީން ލޯނެއް ނެގި ކަމާއި ލޯނަށް ފައިސާ ނުދައްކާކަން ސާބިތުވާ ކަމަށްވެސް ސިވިލްކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވެ އެވެ.ފެސިލިޓީއަށް އިއްޔެގެ ނިޔަލަށް ދައްކަންޖެހި ނުދައްކާ ހުރި4،282،514 (ހަތަރު މިލިއަން އައްޑިހަ ދެހާސް ފައްސަތޭކަ ސާދަ) ރުފިޔާ އާއި ޗެރިޓީއަށް އަރާފައިވާ 266،512 (ދެލައްކަ ފަސްދޮޅަސް ހަ ހާސް ފައްސަތޭކަ ބާރަ) ރުފިޔާއަކީ އެމްއައިބީއަށް އާޒިމާ ދައްކަންޖެހޭ ފައިސާ ކަމަށް ސަބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
މި ފައިސާ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ދައްކަމުން ގޮސް އެމްއައިބީއަށް ދައްކާ ނިންމުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.


