އައިބީއެމް ލޭބާ އެކޮމޮޑޭޝަން އެއްބަސްވުން ބާތިލްކުރަން އަންގައިފި


25 ޑިސެމްބަރު 2024 - 06:24
އެމްޑަބްލިޔުއެސްސީގެ ދަށުން ހިންގަމުން އަންނަ އައިލޭންޑް ބެވެރޭޖަސް މޯލްޑީވްސް (އައިބީއެމް) އަށް ލޭބާ އެކޮމޮޑޭޝަނެއް ހޯދުމަށް ހެދި އެގްރީމަންޓުގައި ހިޔާނާތަށް މަގުފަހިވާ ކަންތައްތަކެއް ފާހަގަ ވާތީ އެއެއްބަސްވުން ބާތިލްކޮށްފި އެވެ.
އައިބީއެމްއަށް ބިދޭސީ މުވައްޒަފުން ތިބޭނެ ތަނެއް ކުއްޔަށް ނެގުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް ރޭގައި ވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ.
އެކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން ވިދާޅުވީ އައިބީއެމް އަށް ލޭބަރ އެކަމޮޑޭޝަން ހޯދުމުގެ ޕްރޮސެސްއާއި އަގުތަކާއި ގުޅޭ ޝަކުވާއެއް މީގެ ދުވަސްކޮޅެއް ކުރިން ލިބުމާއެކު އެކަން ކުރިޔަށް ގޮސްފައިވާގޮތާ އަގުތައް އިންޓަރނަލް އޑިޓް ޓީމުން ބަލާފައިވާ ކަމަށެވެ. އޮޑިޓް ޓީމުން ބެލުމަށްފަހު އެމްޑަބްލިޔުއެސްސީގެ ބޯޑުގައި މަޝްވަރާކޮށް އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އައބީއެމްއަށް އަންގާފައިވާ ކަމަށް މަތީން ވިދޅާުވި އެވެ.
މިގޮތުން މިހާރުގެ އެއްބަސްވުން ބާޠިލުކޮށް ލޭބަރ އެކޮމޮޑޭޝަން ހޯދުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށްވެސް އައިބީއެމްއަށް އަންގާފައިވާނެ ކަމަށް މަތީން ވިދާޅުވި އެވެ.
އެ ތަން ކުއްޔަށް ނަގާފައިވަނީ ޓެލެ މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ އަތުން ކުލީގެ ގޮތުގައި މަހަކު 60،000 ރުފިޔާ ދައްކާގޮތަށެވެ. އެގްރީމަންޓު ހަދާފައިވަނީ އޮގަސްޓު 27 ގަ އެވެ. އެ ތަން ކުއްޔަށް ނަގަން ދެ ވަނަ އެގްރީމަންޓެއް ހަދާފައި ވަނީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އެވެ. ކުލީގެ ގޮތުގައި މަހަކު 200،000 ރުފިޔާ ދައްކާގޮތަށެވެ.
އައިބީއެމްގެ ލޭބާ އެކޮމޮޑޭޝަން ހޯދުމަށް ހެދި އެގްރީމަންޓުގެ މައްސަލަ ފެންމަތިވެފައިވާއިރު އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލައެއްވެސް މި ފަހުން ވަނީ ފެންމަތިވެފަ އެވެ. އެއީބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމުގެ މައްސަލަތަކެކެވެ. އެމައްސަލަ ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން އަންނަނީ މިހާރު ތަޙުޤީގު ކުރަމުންނެވެ.