ފެން ބިލު ނުދެއްކި ގިނަދުވަސްވުމުން އަރާފައިވާ ޖޫރިމަނާ މައާފުކޮށްދެނީ


09 މޭ 2025 - 06:47
ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެމްޑަބްލިޔުއެސްސީން ހާމަކޮށްފިއެވެ.
މި ޕްރޮގްރާމާއި ގުޅިގެން، އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2024 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކޮށްދެވޭނެއެވެ. މިގޮތުން، ޖޫރިމަނާ މަޢާފްކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 މޭ 2025 އިން ފެށިގެން 31 ޑިސެމްބަރ 2025 އާއި ދެމެދު އެއްކޮށް ދައްކަވާ ޚަލާސްކުރައްވާ ކަސްޓަމަރުންނަށްކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވައި ޚަލާސްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަސްޓަމަރުންނަށް، އެއިންތިޒާމް ކުންފުނިން ހަމަޖައްސަވައިދެއްވާނެކަމަށާއި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަވާ ޚަލާސްކުރުމުންކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
މިކަމުގައި އެހީތެރިކަމެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އެކުންފުނިންވަނީ ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލުތަކަށް ފައިސާ ދައްވާ ޚަލާސް ކުރުމަށް ފުރުސަތުގެ ބޭނުން ހިފައި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރައްވާފައެވެ.