logoEN
ޚަބަރު

ހަނިމާދޫ އެއާޕޯޓުގެ %77 މަސައްކަތް ނިންމާ ،އަންނަ އަހަރު ހުޅުވުމަށް ތައްޔާރުވަނީ

ހުސައިން ވަސީމްހުސައިން ވަސީމް

27 ޑިސެމްބަރު 2024 - 13:56

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރީޖަނަލް އެއަޕޯޓްސް ކުންފުނިން ބުނެފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ބުނީ ހަނިމާދޫ އެއާޕޯޓުގެ ފަސިންޖަރުންގެ ޓަމިނަލްގެ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށާ މުޅި މަޝްރޫއުގެ ހުރިހާ މަސައްކަތެއްވެސް ކަނޑައެޅިފައިވާ ތާރީހަށް ބާރަށް ކުރިއަށް ދާކަމަށެވެ. އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާ އަންނަ އަހަރު މެދެއްހާ ހިސާބުގައި ހުޅުވޭނެ ކަމަށްވެސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ބުނެ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަނީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އާރުއޭސީ އިން މައުލޫމާތު ދެ އެވެ. މިވަގުތު ކުރިއަށްދަނީ ފަސިންޖަރ ޓާމިނަލްގެ މަސައްކަތް ކަމަށްވެސް އާރުއޭސީ އިން މައުލޫމާތު ދެ އެވެ. މުޅި މަޝްރޫއަށް ބަލާއިރު އެއަރޕޯޓުގެ ކާގޯ ޓާމިނަލުގެ މަސައްކަތުގެ %90 މަސައްކަތް ނިންމާފައިވާކަމަށާއި، އެއަރޕޯޓް ޓަވަރުގެ %88 މަސައްކަތް ނިމިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުމާފައިވަނީ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ.

ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްތައް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީމަހުއެވެ. މި މަޝްރޫޢުއަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ރީ-ޑިވެލޮޕްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ. އަލަށް ތަރައްޤީކުރާ ރަންވޭއާ ކުރީގެ ރަންވޭ އޮތް ސަރަޙައްދުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން، އައު ރަންވޭގެ ފުރަތަމަ ފޭސްގައި 1200 މީޓަރުގެ ސަރަޙައްދު ތަރައްޤީކޮށް، އެ ބައި ބޭނުންކުރަން ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ.ކުރިން އޮތް ރަންވޭއަކީ 150 މީހުންގެ އެއަރކްރާފްޓްތައް ޖެއްސޭ ފެންވަރުގެ ރަންވޭއެއްނަމަވެސް ބޮޑު ކުރި ރަންވޭއާއެކު 250-300 މީހުން އުފުލޭ ބޮޑެތި އެއަރކްރާފްޓްތައް ޖެއްސޭނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މިއެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އެއަޕޯތް މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރަށް ނިންމުމަށެވެ.

ކޮމެންޓް

871x217_placeholder