ކާރިޘާ ތަކުން އަރައިގަތުމަށް ބޭނުންވާ ވަޞީލަތްތައް ރަށްރަށަށް ފޯރުކޮށްދެނީ
6 ޖެނުއަރީ 2025 - 15:05

ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ނުދެވިވާ ރަށްރަށަށް އެ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވީ މި މަސައްކަތް ކުރިއަށް އޮތް 4 އަހަރު ތެރޭގައި ނިމޭނެ ކަމަށެވެ.

Ad by Hajj Corporation
ހިސާން ހުސައިން ވިދާޅުވީ އެ އޮތޯރިޓީގެ ޒިންމާގެ ބޮޑު ބައެއް އޮންނަނީ ވިލުންވެރި މުޖްތަމައެއް ބިނާ ކުރުމަށްކަމަށެވެ.
އެގޮތުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި އެކި އެކި ރަށްރަށުގައި ކޮމިއުނީޓީ ބޭސްޑް ޑިޒާސްޓަރ ރިޑަކްޝަން ޕްރޮގްރާމާއި، ކޮމިއުނިޓީ އިމަރޖެންސީ ރެސްޕޮންސް ޓީމްތައް އުފެއްދުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
ހިސާން ވިދާޅުވީ ރަށްރަށަށް ދިމާވާ މިފަދަ ހާލަތްތައް، ޚާއްސަކޮށް އުދައެރުމާއި ފެންބޮޑުވުން ފަދަ ކަންކަން ދެނެގަނެ ރައްކާތެރިކަން ދެނެގަތުމަކީ މުހިންމު ކަމެއްކަމަށެވެ.
ހިސާން ވިދާޅުވީ ކައުންސިލްތަކާއި މުޖްތަމަޢުގެ ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ރަށްރަށަށް ފެން ހިއްކާ ޕަންޕާއި އެއާއި ގުޅޭ އާލާތްތައް ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫޢެއް ހިންގާފައިވާކަމަށެވެ.
މިމަޝްރޫޢުގެ ދަށުން ފެން ހިއްކާ ޕަންޕާއި އެނޫންވެސް ވަސީލަތްތައް ފޯރުކޮށް ނުދެވޭ ހުރިހާ ރަށަކަށް ކުރިއަށް އޮތް 4 އަހަރު ތެރޭގައި މިވަސީލަތްތައް ފޯރުކޮށްދީ ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ވިސްނާ ވިސްނުން އަތޮޅު ތެރޭގައި ކުރިއަށްވުރެ ބޮޑަށް ފުޅާވެފައިވާކަމަށެވެ. އެގޮތުން ޕްލޭންތައް ހަދާދިނުމަށާއި ޓެކްނިކަލް އެހީތެރިކަން ހޯދަން އަތޮޅުތަކުން ރިކުއެސްޓް ކުރަމުންދާކަމަށެވެ. އަދި އެންޑީއެމްއޭން އެންމެ ބޮޑު އިސްކަމެއްދޭނީ ލިބޭ ގެއްލުމާއި މުދަލާއި ފުރާނަ ސަލާމަތް ކުރުމަށްކަމަށެވެ.