logoEN
ޚަބަރު

ފުލުހުން އަކްރަމްގެ އަބުރަށް އެރިކަމަށް ބުނެ، އެ މައްސަލަ ބަލައިދޭން އެންއައިސީއަށް

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން -- ފޮޓޯ: މިހާރު

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން -- ފޮޓޯ: މިހާރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

10 ޖެނުއަރީ 2025 - 05:22

ސައްޚަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ހައުސިން މިނިސްޓްރީން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައިގައި، އެ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ގުޅޭ ގޮތުން ފުލުހުން ދެއްކި ވާހަކަތައް ބަލައިދޭން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް އަކްރަމްގެ ފަރާތުން މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އަކްރަމް އެ މައްސަލަ އެންއައިސީއަށް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެކަމާ ގުޅިގެން އަކްރަމް އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި އަކްރަމް ވިދާޅުވި ގޮތުގައި، ސައްޚަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން، ޝަރުތު ހަމަނުވާ ފަރާތަކަށް ގޯތިތައް ދިނީ އަކްރަމް ކަމަށް އެ ގޯތި ލިބުނު ފަރާތަކުން ބުނި ކަމަށް، މިދިޔަ މަހުގެ 19 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލައަކީ ތަހުގީގު ފަށައިގެން އުޅޭ މައްސަލައަކަށް ވެފައި، އެ މައްސަލައިގައި ހައުސިން މިނިސްޓްރީން ކުރިން ވަކި ކަމެއް ކޮށްގެން އުޅޭ ކަމުގެ ތުހުމަތު ފެންމަތިވެފައިނުވި ނަމަވެސް، ކުރީގެ ސަރުކާރުގެ ވެރިންގެ މައުލޫމާތު ހާމަކުރީ އެ ފަރާތްތަކުގެ ނަން ކިލަނބުކުރުމަށް ކަމަށް އެ ބަޔާނުގައި އަކްރަމް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެކަމަކީ މި ސަރުކާރުގެ ތެރެއިން ހިންގި ކޮރަޕްޝަނުގެ މައްސަލައިގެ ހަގީގަތް އޮޅުވާލައި، އާންމުންގެ މެދުގައި ކުރީގެ ސަރުކާރުގެ ވެރިންނާ މެދު ނުރަނގަޅު ތަސައްވުރެއް އުފައްދަން ކުރި ކަމެއްގެ ގޮތުގައި ވެސް އަކްރަމް ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން، އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އަމަލުކުރީ އާންމުކޮށް ފުލުހުން އަމަލުކުރާ އުސޫލުތަކާއި ހަމަތަކާ ޚިލާފަށް ކަމަށް ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވި ގޮތުގައި، ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ފުލުހުންގެ ވާޖިބުތައް އަދާކުރުމުގައި ހިފަހައްޓަން ޖެހޭ ހަމަތައް ކަނޑައަޅާފައިވާއިރު، ވަކިވަކި ފަރުދުންގެ ހައްގުތަކަށާއި މިނިވަންކަމަށް ރައްކާތެރިވުމާއި ތިމާއާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ފުލުހެއްގެ ހައިސިއްޔަތުން ލިބިދޭ ބާރު ޒިންމާދާރު ގޮތުގައި ބޭނުންކުރުމަކީ ފުލުހުންގެ މައްޗަށް އެ މާއްދާގެ (ށ) އަދި (ބ) އިން މަތިކޮށްފައިވާ ޒިންމާއެކެވެ.

އަދި އެ ދުވަހު ފުލުހުން ހިންގި އެ އަމަލުގެ ސަބަބުން، އޭނާގެ ނަމާއި އަބުރަށް ހުތުރުވެ، ސޯޝަލް މީޑިޔާގައި އޭނާއަށް އެކި ފަރާތްތަކުގެ ފުރައްސާރަތައް ކުރިމަތިވަމުންދާ ކަމުގައި ވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ގާނޫނުއަސާސީގައި ބަޔާންކުރާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި އެއްވެސް މީހެއްގެ މެދުގައި ތަފާތުނުކުރުމާ، ހާއްސަކޮށް އެ މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި ތަފާތުނުކުރުމަކީ ވެސް ގާނޫނުއަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާއިރު، އެ އޮފިސަރުގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން އެ ހައްގަށް ވެސް އުނިކަން އައިސްފައިވާކަމުގައި ވެސް އެ ބަޔާނުގައި އަކްރަމް ވިދާޅުވެފައިވެއެވެ.

އަކްރަމް އެފަދައިން ބަޔާނެއް ނެރެފައިވާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކެއް ނުލިބޭ ބަޔަކު ހުށަހެޅި ފޯޖުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ލިޔެކިޔުންތަކަކީ މިދިޔަ ސަރުކާރުން ދިން ލިޔެކިޔުންތައް ކަމުގައި ފުލުހުން ސުވާލުކުރި ފަރާތްތަކުން ބުނެފައިވާ ކަމުގައި ފުލުހުން ބުނެފައިވެއެވެ.

އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ފުލުހުން ތަހުގީގު ކުރަން ފެށީ، ފޯޖުކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ލިޔުން ދީފައިވާ ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުޙައްމަދު ފަޒީލު ރަޝީދުއަށް ދީފައިވާ ލިޔުމަކީ ސައްޚަ ލިޔުމެއްތޯ ކަށަވަރުކުރުމުގެ މަސައްކަތެވެ.

އެގޮތުން އެ މައްސަލައިގައި ފަޒީލުއާ ސުވާލުކުރުމުން، އެ ލިޔުން ދީފައިވަނީ ކުރީގެ ސަރުކާރުންކަން އެނގިފައިވާ ކަމަށާއި، އެ ލިޔުން ދީފައިވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ ފަޒީލު ބައްދަލުކުރެއްވުމަށް ފަހުގައި ކަން ވެސް ފަޒީލުގެ ފަރާތުން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އޭސީޕީ ޝަރީފު ވިދާޅުވިއެވެ.

އަދި އޭސީޕީ ވަނީ ފަޒީލުގެ ފަރާތުން ފުލުހުންނަށް ލިބުނު ލިޔެކިޔުންތަކަކީ ގޯތީގެ ރަޖިސްޓްރީ އާއި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން ކަމުގައި ވެސް ފާހަގަކުރައްވާފައެވެ.

އެހެން ނަމަވެސް، ފުލުހުންގެ އެ ވާހަކަތައް އަކްރަމް މީގެ ކުރިން ވެސް ވަނީ ދޮގުކުރައްވާފައެވެ. އެހެން ނަމަވެސް އެ މައްސަލައާ ގުޅިގެން އަކްރަމްގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

އިތުރަށް ކިޔާލަން:

Akram kamaaluhdheen Himeneyhen 4 Meehehge Passport Hifahattaifi FacebookViberTelegramXWhatsApp

315x437_placeholder

ކޮމެންޓް

871x217_placeholder