logoEN
ރިޕޯޓް

ދުންފަތް، ތިމާއާއި އަނެކާއަށް ވެސް ހުސްގެއްލުން

މުހައްމަދު މޫސާމުހައްމަދު މޫސާ

10 ޖެނުއަރީ 2025 - 11:09

އެންމެ ސިނގިރޭޓަކުން ވެސް އިންސާނާގެ އުމުރުން 20 މިނިޓް އުނިވެގެންދިޔުމަކީ ދުންފަތުގެ ނުރައްކާތެރިކަން އަންގައިދޭ އެއް މިސާލެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަކީ އެ ޢަމަލުކުރާ މީހާގެ އިތުރުން އޭނާގެ ވަށައިގެންވާ މީހުންނަށާއި، ޢާއިލާތަކަށާއި އަދި އޭނާ ނިސްބަތްވާ މުޖުތަމައުއަށް ވެސް ނުހަނު ގެއްލުންބޮޑު ކަމެކެވެ.

ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ފަހަތުގައި ވެސް އޮތީ މިކަމުގެ ނުރައްކާކަމާމެދު ޝައްކުކުރާނެ ޖާގަ ނެތީ އެހެންވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑުގެ ގާތްގަނޑަކަށް ކޮންމެ ގުނަވަނަކަށް ވެސް ގެއްލުންލިއްބައިދޭ ޢަމަލެކެވެ. މި ޢަމަލުގެ ސަބަބުން ކެންސަރު، ހިތުގެ ބަލި، ސްޓްރޯކް، ފުއްޕާމޭގެ ބަލިތަކާއި ހަކުރު ބައްޔާއި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ) ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ސިއްހަތާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ އިތުރުން، ކައިރީގައި ތިބޭ މީހުންވެސް ސަލާމަތްކޮށްދެ އެވެ.

ދުންފަތަކީ އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި އެއްޗެކެވެ. ދުންފަތުގައި 7000 އަށްވުރެ ގިނަ ކެމިކަލް މާއްދާ އެކުލެވިގެންވާއިރު، އޭގެ ތެރެއިން 70 އަށްވުރެ ގިނަ މާއްދާއަކީ ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާތަކެވެ. މީގެ އިތުރުން، ދުންފަތުގައި ވަރަށް ބޮޑަށް ދެވިހިފާ ނިކޮޓިން މާއްދާ އެކުލެވިގެންވެއެވެ.

ދުންފަތުން ލިބޭ ބައެއް ސިއްހީ ގެއްލުންތައް

1. ފުއްޕާމޭގެ ކެންސަރު

2. އަނގައިގެ ކެންސަރު

3. ހިތުގެ ބަލިތައް

4. ނޭވާލުމުގެ ދަތިކަން

5. ހަކުރު ބަލި

6. ލޭމައްޗަށް ދިއުން

ދުންފަތުން ލިބޭ އެހެނިހެން ގެއްލުންތައް

1. ދުންފަތަށް ހޭދަވާ ބޮޑު އަދަދުގެ ފައިސާ

2. އާއިލާގެ ގުޅުންތަކަށް އަސަރުކުރުން

3. މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވުން

4. އިޖްތިމާޢީ ގޮތުން އެކަހެރިވުން

ދުންފަތުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން

1. ސިއްހީ ފަރުވާ ހޯދުން

2. ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ބޭނުންކުރުން

3. ދުންފަތުގެ އާދަ ދޫކޮށްލުމަށް ނަފްސާނީ އެހީތެރިކަން ހޯދުން

4. ދުންފަތާ ގުޅުންހުރި ތަންތަނާއި ހާލަތްތަކުން ދުރުހެލިވުން

5. ދުންފަތުގެ ބަދަލުގައި ހެޔޮ އާދަތައް އަށަގެންނެވުން

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ފަސޭހަ ކަމަކަށް ނުވުމަކީ ހަގީގަތެކެވެ. އެހެންނަމަވެސް އެއީ ނުކުރެވޭނެ ކަމެއްވެސް ނޫނެވެ. އެކަން ހުއްޓައިގެން ތިބި އެތައް ބަޔެއް އެކަމުގެ އުފާ މިއަދު ދަނީ ލިބިގަންނަމުންނެވެ.

ނިކޮޓިން އަކީ ސިނގިރޭޓަށް ބަރޯސާވާ ކަމުގެ އިހުސާސް ކޮށްދޭ ވަރަށް އެޑިކްޓިވް މާއްދާއެކެވެ. ދުންފަތާ ދުރުވާން އުޅުމުން ވިތުޑްރޯލް އަލާމާތްތައް ކަމަށްވާ ކްރެވިން، ރުޅިގަދަވުން، އެންޒައިޓީ، ޑިޕްރެޝަން، އިންސޮމްނިއާ އަދި ބަރުދަން އިތުރުވުން ފަދަ އަލާމާތްތައް ފެނިދާނެ އެވެ. ހާއްސަކޮށް ސްޓްރެސް ހާލަތްތަކުގައި ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާ އެހެން މީހުންގެ ކައިރީގައި އުޅޭއިރު މި އަލާމާތްތައް ފެނުން އިތުރުވެދާނެއެވެ. އެހެންވީމާ، ކާމިޔާބުކަމާ އެކީގައި މިކަމުން ސަލާމަތްވުމަށްޓަކައި ރަނގަޅު ޕްލޭނަކާއި އެހީތެރިކަމެއް ބޭނުންވާނެއެވެ.

ދުންފަތަކީ ވަރަށް ނުރައްކާތެރި އަދި ގިނަގުނަ ގެއްލުންތަކެއް ލިބޭ އެއްޗަކަށް ވިޔަސް، ރަނގަޅު ފަރުވާއާއި އެހީތެރިކަމާއެކު ދުންފަތުން ސަލާމަތްވުމަކީ ކުރެވިދާނެ ކަމެކެވެ. އަމިއްލަ ސިއްހަތާއި، އާއިލާއާއި، މުޖުތަމައުގެ ލާބައަށްޓަކައި ދުންފަތުން ދުރުހެލިވުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder