އެއް އަހަރުތެރޭ އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރުވެއްޖެ-މިނިސްޓަރ ތޯރިގް
12 ޖެނުއަރީ 2025 - 14:42

އިއާދަކުރަނިވި ހަކަތަގެ ކެޕޭސިޓީ އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރުވެއްޖެ ކަމަށް މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އަބޫދާބީ ގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް އިއާދަކުރަނިވި ހަކަތައާ ބެހޭ އިދާރާ (އިރެނާ) ގެ 15 ވަނަ ޖަލްސާގައި މިނިސްޓަރ ތޯރިގް ވިދާލުވީ ކޯޕް 28 ގައި ރައީސް ޑރ.މުއިއްޒު ގައުމީ ފެންވަރުގައި ބޮޑު އަމާޒުތަކެއް އިއުލާން ކުރެއްވި ފަހުން ރާއްޖެއިން އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 17 މެގަވޮޓް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ އޮތީ އިތުރު 170 މެގަވޮޓް ތަންފީޒު ކުރުމުގެ އެކި މަރުހަލާތަކުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

Ad by Hajj Corporation
2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫއޭއީގެ ދުބާއީގައި ބޭއްވި ކޮޕް 28 ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިން 33 ޕަސެންޓް ކަރަންޓް އުފެއްދުމަށް އިއުލާން ކުރައްވާފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޮޑު އެއް މައްސަލަ ކަމަށާ 1.5 ޑިގްރީގެ އަމާޒަށް ވާސިލްވުމަށް އަވަސް، ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓަރ ތޯރިގު ވަނީ ގޮވާލައްވާފަ އެވެ.
ޔޫއޭއީގެ އަބޫދާބީގައި އޮންނަ އައިރީނާ އެސެމްބްލީގައި މިނިސްޓަރު ތޯރިގު އިބްރާހިމާއި އެކު ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި ކްލައިމެޓް ޗޭންޖް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އަލީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.


