24 މީހުން މަރުވިއިރު އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވޭ
13 ޖެނުއަރީ 2025 - 09:01
ލިފޯނިޔާ ސްޓޭޓްގެ ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރިފައިވާ އަލިފާންގަނޑުތަކުގައި މިހާތަަނަށް 24 މީހުން މަރުވެއްޖެއެވެ.
އަލިފާނުގެ ސަބަބުން ރަސްމީ އިދާރާތަކުން ވަނީ 100,000އަށް ވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އަންގައިފައެވެ. އިތުރު 87,000 މީހުންނަށް ވަނީ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދާން ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.
ގާތްގަނޑަކަށް ދިހަ މިިލިޔަން މީހުންގެ ޖުމްލަ އާބާދީއެއް އޮންނަ ލޮސް އެންޖެލީސްގެ ކޮންމެ މީހަކަށް ވެސް އަލިފާނުން ސަލާމަތް ވުމަށާއި އަލިފާނުގެ ސަބަބަުން ތަޣައްޔަރު ވެފައިވާ ވައިގެ ނުރައްކަލުން ސަލާމަތްވުމަށް ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އެންގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ.
އަނގާރަ ދުވަހުން ފެށިގެން ފެތުރެމުންދާ އަލިފާންގަނޑުތައް ވަނީ މައިގަނޑު ހަ ސަރަޙައްދަކަށް ފެތުރިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަލިފާންގަނޑު ފެތުރެމުންދަނީ ގިނަ ޢަދަދެއްގެ މަޝްހޫރު ފަންނާނުންގެ ގެދޮރު ހުންނަ އަގުބޮޑު އަވަށެއް ކަމުގައިވާ ޕެސިފިކް ޕެލިސޭޑްސްގައެވެ. އޭގެ އިތުރުން އެހެން ސަރަޙައްދުތަކެއްގައި އީޓަންއާއި ހަރސްޓުގެ ނަން ދީފައިވާ ހުޅުގަނޑުތަކެއް ވެސް ދަނީ ފެތުރެމުންނެވެ.ޕެލިސޭޑުގެ ހުޅުގަނޑު ވަނީ މިހާތަނަށް 96 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައެވެ. މިހާތަނަށް ކޮންޓްރޯލު ކުރެވިފައި ވަނީ އެ ހުޅުގަނޑުގެ އެންމެ 11 އިންސައްތައެވެ. އެ އަލިފާންގަނޑު ޕެލިސޭޑާ ޖެހިގެން އޮންނަ ބްރެންޓުވުޑާ ވެސް ވަނީ އަރާ ހަމަ ކޮށްފައެވެ.
ލޮސް އެންޖެލީސްގެ އަލިފާނާބެހޭ ޚިދުމަތުގެ އިސްވެރިޔާ އެންތޮނީ މެރޯން ވިދާޅުވީ ވައިގެ ތެތްކަން ދަށްވެ ގަސްގަހާގެހީގައި ހުރި ފެނުގެ އަސަރު ދަށް ވުމުގެ ސަބަބުން ލޮސް އެންޖެލީސްގެ ހުރިހާ ސަރަޙައްދެއްގައި ވެސް އަލިފާންގަނޑު ރޯވެ ފެތުރުމުގެ ހިރާސް ވަރަށް ބޮޑު ކަމަށެވެ. ގެއްލުމުގެ އަގު ހިސާބުކުރާ އަމިއްލަ ކުންފުންޏަކުން ވަނީ އަލިފާނުގެ ގެއްލުން މިހާރު ވެސް 150 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައެވެ.