ސަލާމަތެއް ނެތް، އަނެއްކާ އަނެއް އަލިފާންގަނޑު
23 ޖެނުއަރީ 2025 - 14:21
އެމެރިކާގެ ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތަކުން ސަލާމަތް ނުވެވި އުޅެނިކޮށް އަނެއްކާ ވެސް އެ ސަރަޙައްދާ ކައިރި ހިސާބެއްގައި އެހެން އަލިފާންގަނޑެއް ރޯވެ ފެތުރެން ފަށައިފިއެވެ.
ހިއޫސްގެ ނަން ދީފައިވާ އައު އަލިފާންގަނޑު ފެތުރެމުން ދަނީ ލޮސް އެންޖެލީސް ސިޓީއާ 50 މޭލު އުތުރުގައެވެ. އެ އަލިފާންގަނޑު ވަނީ 38 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ފެތުރިފައެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އަލިފާންގަނޑު ވަނީ ޖަނަވަރީ 7 ވަނަ ދުވަހު ފެތުރެން ފެށި އަލިފާންގަނޑުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ހުޅުގަނޑު ކަމުގައިވާ އީޓަން އަލިފާންގަނޑުގެ ބޮޑުމިނާ ގާތް ކޮށްފައެވެ.
އެ އަލިފާންގަނޑުތަކުގައި މިހާތަނަށް 28 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. ޖަނަވަރީ 7 ން ފެށިގެން މިހާތަނަށް 180,000އަށްވުރެ ގިނަ މީހުންނަށް ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް ރަސްމީ އިދާރާތަކުން ވަނީ އަންގާފައެވެ. ނަމަވެސް ޕެލިސޭޑްސާއި އީޓާން އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ.
ލޮސް އެންޖެލީސްގައި ފެތުރެމުންދާ އަލިފާންގަނޑުތަކަކީ އެމެރިކާގެ ތާރީޚުގައި ވެސް ކުރިމަތިވެފައިވާ އެންމެ ގެއްލުން ބޮޑު އަދި ނުރައްކާތެރި ޤުދުރަތީ ކާރިޘާއެވެ. އަލިފާންގަނޑުތަކުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ އަގު 250 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ގެއްލުން ހިސާބު ކުރާ ބައެއް އަމިއްލަ ކުންފުނިތަކުން ވަނީ އަންދާޒާ ކޮށްފައެވެ.