logoEN
ޚަބަރު

ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ކުރީގެ މެމްބަރު ފިރުޝާން

މުހައްމަދު މޫސާމުހައްމަދު މޫސާ

14 ޖެނުއަރީ 2025 - 02:36

ދަ ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް، މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު އަދި އެ ޕާޓީގެ އެއް ނައިބު ރައީސް ހުސެއިން ފިރުޝާން ރޭ އިންތިހާބުކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފެއްދެވި ޑިމޮކްރެޓިސްގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފު އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ހަސަން ވަނީ މިހާރު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ބުނާގޮތުން، އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ.

ނައިބު ރައީސުންގެ ތެރެއިން ވަގުތީގޮތުން ރައީސްގެ ޒިންމާތައް އަދާކުރެއްވުމަށް ކުރިމަތިލެއްވީ ފިރުޝާންގެ އިތުރުން އަލައިކާ އަދުނާނެވެ.

އެ ޕާޓީން ވަނީ ރޭ އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ބާއްވައި މިކަމަށް ވޯޓު ނަގާފައެވެ. މި ވޯޓުގައި ފިރުޝާނަށް 29 ވޯޓު އަދި އަލައިކާއަށް 14 ވޯޓު ލިބުނެވެ.

ޑިމޮކްރެޓްސް އިން ބުނީ ފިރުޝާން އިންތިހާބުކުރީ، ދާއިމީ ރައީސެއް ހޮވަންދެން، ވަގުތީގޮތުން ރައީސްގެ ޒިންމާތައް އަދާކުރުމަށް ކަމަށެވެ.

އެ ބައްދަލުވުމުގައި ވަނީ 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި ރައީސެއް ހޮވަން ވެސް ފާސްކޮށްފަ އެވެ.

ކޮމެންޓް

871x217_placeholder