ޢުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފުވި 19 ކުންފުންޏެއް ޖޫރިމަނާކުރަން ނިންމައިފި
14 ޖެނުއަރީ 2025 - 06:04

ޢުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފުވި 19 ކުންފުންޏެއް ޖޫރިމަނާކުރަން ނިންމާފައިވާ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
މީޑީޔާތަކަށް އެ ވުޒާރާއިން ފޮނުވި މެސެޖެއްގައި ބުނީ އުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5 ހާސް ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވާކަމަށެވެ. އަދި އެ ކުންފުނިތަކުގެ އިތުރުން، އެ ވުޒާރާއިން އިން ދީފައިވާ ރަސްމީ ލައިސަންސް ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ވެސް ފާހަގަކުރެވިފައިވާ ކަމުގައި އެ ވުޒާރާއިން ބުންޏެވެ.

Ad by Hajj Corporation
އަދި އެ ކުންފުންޏަށް އެ މައްސަލަ ސާބިތުވެއްޖެ ނަމަ އެކުންފުނި، ތިރީސް ހާސް ރުފިޔާއިން ޖޫރިމަނާކޮށް، ހުއްދަ ހިފަހައްޓައި، އެ މައްސަލަ ފުލުހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމުގައި ވެސް އެ މެސެޖުގައި ބުންޏެވެ.
ވުޒާރާއިން ބުނި ގޮތުގައި، އެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމީ، ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ލިޔެކިޔުންތައް ހުށަހެޅުމުން ކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތު ކުރެވޭތީ ކަމުގައި ވާއިރު، އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރާން ގެޒެޓް ކޮށްފައިވާ އުޞޫލަށް އަމަލު ނުކުރާ ހުރިހާ ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން އެގފަދައިން ބުނެފައިވާއިރު، ދާދި ފަހުން އުމްރާވެރިން ޙާލުގައި ޖެއްސި އަލްހިޖްރާ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ހުއްދަ ހިފެހެއްޓުމަށާއި، އެ ގްރޫޕް 100,000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވެއެވެ. އަދި އެ ގްރޫޕާއި އޭގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ވެސް ނިންމާފައިވެއެވެ.