އިދިކޮޅުން އިހްސާނުގެ އަގުވައްޓާލަން ފަތުރާ ބުހުތާނުގެ އަސްލު
18 ޖެނުއަރީ 2025 - 12:07
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނަކީ އިދިކޮޅުން އެންމެ ޖެހިލުންވާ އެއް ވަޒީރުކަން އިނގިގެން ދިޔައީ އެމަނިކުފާނުގެ އަގުވައްޓާލައި، އަބުރަށް އަރައިގަތުމުގެ ސިލްސިލާއެއް ފެށުމުންނެވެ.
އިދިކޮޅުން މިނިސްޓަރު އިހްސާނާއި ''އަޅައިގަނެގެން ނެއްޓެން ނޭނގިގެން'' އުޅޭ ސަބަބާއި މެދު ފިކުރުން ހިންގާލަން ޖެހުނީ މިހެންވެއެވެ.
ޝައްކެތްވެސްނެތް ގޮތުގައި ދިވެހިރާއްޖެއަށް އެންމެބޮޑުވެފައިވާ އެންމެ ބޮޑު ޤައުމީ ތިން މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައާއި، ބިދޭސީންގެ މައްސަލައާއި ގޭންގްތަކުގެ މައްސަލައެއެވެ. މި ތިން މައްސަލަ ހައްލުވެގެން ގޮސްފިނަމަ ދިވެހީންނަށް މި ޖައްވަށް ހަމަނޭވާއެއް ލެވިދާނެއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން، މި ތިން ވަބާ ޤައުމުން ނައްތާލައި، ރައްޔިތުންނަށް އަމާން ދުޅަހެޔޮ، ދިވެހީންގެ ރާއްޖެއެއް ހޯދައިދިނުމުގެ އިސް މުގޫ އޮތީ މިނިސްޓަރު އިހްސާނާއި މަތިކޮށްފައެވެ. އެ ޒިންމާ ނަންގަވައި، މި މައްސަލަތަކާއި ކުރިމަތިލުމުން ނަފްސަށް ބިރުވެރިކަން އިންތިހާއަށް އޮތް ނަމަވެސް ޤައުމަށްޓަަކައި އެމަނިކުފާނު ގެންދަވަނީ މި މައްސަލަތައް ހައްލުކުރުމުގެ ޕްލޭންތައް ރޭވުންތެރިކަމާއެކު ތަންފީޒު ކުރަމުންނެވެ.
އެހެންކަމުން އިދިކޮޅުން މޭކަރައި، މިނިސްޓަރުގެ އިހްސާންގެ އަގު ވައްޓާލަން މިއުޅޭ އަސްލު ސަބަބަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ، ބޭނުންކުރާ މީހުންނަށް ހިމާޔަތް ދިނުމާއި، ބިދޭސީންގެ ވަގު ވިޔަފާރިއާއި، ބިދޭސީން ބޭނުންކޮށްގެން ޖަރީމާ ހިންގާ މީހުންނަށް ހިމާޔަތް ދިނުމާއި އަދި ގޭގްތަކަށް ހިމާޔަތް ދިނުންކަމަށް ޤަބޫލުކުރެވެއެވެ.
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެއްޗަކީ އެ ވަބާގެ ސަބަބުން މުޅި ދިވެހި ޤައުމު ރޯންޖެހިފައިވާ ވަބާއެކެވެ. ދަރިން ނިކަމެތިވެ، އަނބިން ހާލުގައިޖެހި، މައިންނާއި ބަފައިން މާޔޫސްވެ، ނަފްސާނީވެ، ޢާއިލާތައް ރޫޅި ވިއްސިވިހާލިވެގެންގޮސް މުޖުތަމަޢު ކުށުގެ ހާއްޔަކަށް ވެގެންގޮސްފައިވާ މައިގަނޑު ސަބަބު ގުޅެނީ މި މައްސަލައާއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ސާފުވާނެ އެއް މިސާލަކީ، މި ސަރުކާރުގެ ދައުރު 2023 ވަނަ އަހަރުގެ 17 ނޮވެމްބަރުގައި ފެށިފަހުން، 2024 ވަނަ އަހަރުގެ ނޮވެމްބަރާއި ހަމައަށް 655 ކިލޯ މަސްތުވާތަކެތި މި ސަރުކާރުން އަތުލައިގެންފައި ވުމެވެ. އެއީ 1.3 ބިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނަށް އިސްލާހްގެނައުމުގެ ބިލެއް ސަރުކާރުން އޮތީ މިހާރު ރައްޔިތުންގެ މަޖިލީހަށް ވައްދާފައެވެ. އެ ބިލު ޤާނޫނަކަށް ވެގެން އައުމުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިހާރު ހުރި ޤާނޫނީ ބަލިކަށިކަންކަން އިސްލާހްވެ، މަސްތުވާތަކެތީގެ ވިޔަފާރި ނައްތާލުމަށް ބާރު ލިބިގެންދާނެއެވެ.
ބިދޭސީންގެ މައްސަލަ
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ބިދޭސީންގެ ފަރާތުން ނުކުންނަ އިޖުތިމާއީ މައްސަލަތައް މަދުކުރުމަށް މި ސަރުކާރުން ވަނީ މިފަދަ ބިދޭސީން މައުލޫމާތު ރިޕޯޓު ކުރުމަށް ޚާއްޞަ އޮންލައިން ޕްލެޓް ފޯމެއް ''އިމިގްރޭޝަން ވޮޗް''ގެ ނަމުގައި ޤާއިމުކޮށް، މިފަދަ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.
މި ސަރުކާރުގެ ފުރަތަމަ 11 މަސް ދުވަހު މި މައްސަލަ ހައްލުކުރުމަށް އިމިގްރޝަނާއި ފުލުހުން ގުޅިގެން 186 ރެއިޑް އޯޑަރު ނެރެ ބާރަ ސަތޭކަ ތިރީސް ހަތް ތަން ބަލާ ފާސްކޮށްފައިވެއެވެ. މީގެ ތެރޭގައި ފުލުހުންނާއި ގުޅިގެން އިންޓެލިގެންސް ބޭސް ޓާގެޓެޑް 70 ރެއިޑް އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މާލެ ސަރަހައްދުގަ ހިންގާ މާސް އޮޕަރޭޝަންގައި މި މުއްދަތުގައި 896 ތަނެއް ބަލާފާސްކޮށްފައިވެއެވެ. މި މުއްދަތުގައި ޤަވައިދާ ޚިލާފަށް އުޅުނު 4361 ބިދޭސީން އަތުލައި، އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލާފައިވެއެވެ. އަދި ބޯޑަރު ހުރަސްކޮށް ޤަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީން އަނބުރާ ފޮނުވާލާފައިވެއެވެ.
ގޭންގްތަކުގެ މައްސަލަ
ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާގެ މުގުލުގައި ބޮޑެތި ގޭންގްތައް ތިބިކަމަށް މިހާތަނަށް އެކި ހޯދުންތަކުން ވަނީ އެނގިފައެވެ. ކުށްކުރުމާއި، މާރާމާރީ ހިންގުމާއި، ކުޑަކުދިން ކުށުގެ ތެރެއަށް ވެއްދުމުގައި ވެސް ގޭންގްތަކުގެ ދައުރު ބޮޑެވެ. އެހެންކަމުން ގޭންގްތަކުގެ މައްސަލަ ހައްލުވުމަކީ، މަސްތުވާތަކެއްޗާއި، ނުގަވައިދު ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި، އެކި ޖިނާއީ ކުށްތައް މަދުކުރުމަށް ކޮށޭނެ އަލި މަގެކެވެ.
މިހެން މިކަން އޮތުމުން މި ސަރުކާރުން ވަނީ މި މައްސަލައަށް ހައްލު ހޯދުމަށް ގޭންގްތައް މަނާކުރުމުގެ އައު ބިލެއް މިހާރު ރައްޔިތުންގެ މަޖިލީހަށް ވައްދާފައެވެ.
އިދިކޮޅުން މިކުރަނީ ކީއް؟
މިނިސްޓަރު އިހުސާންގެ އަގުވައްޓާލުމާއި، މި ސަރުކާރާއި ގުޅުވައި ޒާތްޒާތުގެ ވާހަކަ ފެތުރުމުގައި އިދިކޮޅުގެ އަސްލު މަޤްޞަދު މިހިސާބުން ސާފުވެއްޖެކަމަށް ދެކެމެވެ. އަދި މި ސުވާލުގެ ޖަވާބުވެސް ކިޔުންތެރިންނަށް މި ރިޕޯޓު ކިޔާލުމުން ރަނގަޅަށް ލިބިގެންދިޔަކަމަށް ދެކެމެވެ.