ކޮރަޕްޝަން ނައްތާލެވޭނީ ތުހުމަތުކުރެވޭ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅައިގެން: ރައީސް
19 ޖެނުއަރީ 2025 - 18:53
ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާ އެ މައްސަލަ އަލުން ބަލަން ނިންމުމުން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް އެމީހުންގެ މައްޗަށް ތުހުމަތުކުރާވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވަނީ ނިންމަވާފަ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގުޅިގެން އަދީބުގެ އިތުރުން ތިން މީހަކާއި އެކު އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތަކެއް ކުރީ ސަރުކާރުން ވަނީ ހަދާފަ އެވެ. އެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް މިއަދު ޕްރޮސިކިއުޓާ ޖެނެރަލް ނިންމަވާފައިވާ ކަމަަށް ޕީޖީ އޮފީހުން ބުނެ އެވެ.
އެއްބަސްވުން ހަދާފައި ވަނީ:
1. ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
2. މ. ލޭންޑް އޮފް ގާރޑެން، އަޙްމަދު އިޝްފާޙް ޢަލީ
3. މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް
4. ގ. އޮއިވާލި، މުޙައްމަދު ޙުސައިން
މީގެ އިތުރުން، ހ. އާހަމަ، ޢަބްދުالله ޒިޔާތުއާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު ގައި ނިމުމަކަށް ގެނެސްފައި ވާކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.