logoEN
ޚަބަރު

ޔޫޕީއާރު ވޯކިންގ ގްރޫޕްގެ 48 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާން ނިންމައިފި

ޔޫޕީއާރު ވޯކިންގ ގްރޫޕްގެ ސެޝަނެއްގެ ތެރެއިން

ޔޫޕީއާރު ވޯކިންގ ގްރޫޕްގެ ސެޝަނެއްގެ ތެރެއިން

ސުދާ ލަތީފްސުދާ ލަތީފް

20 ޖެނުއަރީ 2025 - 10:07

ޔޫޕީއާރު ވޯކިންގ ގްރޫޕްގެ 48 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވާން ނިންމައިފިއެވެ.

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރް) ގެ 48 ވަނަ ސެޝަން ޖެނީވާގެ ޕެލޭ ޑި ނޭޝަންސްގައި މިއަދު ފަށައިފިއެވެ. ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްދާ މި ސެޝަން މި ހިނގާ ޖަނަވަރީ މަހުގެ 20 އިން 31 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ޔޫ.ޕީ.އާރްގެ މި ސެޝްނަގައި ރިވިއު ކުރެވޭ 14 ޤައުމަކީ އެންގޯލާ، ބޮލީވިއާ (ޕްލުރިނޭޝަނަލް ސްޓޭޓް އޮފް)، ބޮސްނިއާ އެންޑް ހަރޒެގޮވީނާ، މިސްރު، އެލް ސަލްވަޑޮރ، ފީޖީ، ދަ ގެމްބިއާ، އީރާން، އިރާޤް، އިޓަލީ، ކަޒަކްސްތާން، މެޑަގަސްކާ، ސެން މެރީނޯ އަދި ސްލޮވީނިއާ އެވެ.

ޔޫ.ޕީ.އާރް. ވަރކިންގ ގްރޫޕުން އަހަރަކު ތިން ސެޝަން ބާއްވައެވެ. އެގޮތުން، ޔޫ.ޕީ.އާރް. ގެ ހަތަރުވަނަ ރިވިއު ސައިކަލް 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަށާފައިވާއިރު، މި ސައިކަލް ނިމޭނީ 2027 ވަނަ އަހަރުއެވެ. ޔޫ.ޕީ.އާރް. އަކީ އ.ދ.ގެ މެމްބަރު ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ މުޅި ހާލަތަށް ރިޢާއަތްކޮށް އެޤައުމަކުން އިންސާނީ ޙައްޤުތައް ނަގަހައްޓާ މިންވަރު ވަޒަންކުރުމަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ.

އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގައި މެމްބަރު ޤައުމުތަކުން ހޯދާފައިވާ ކުރިއެރުން އ.ދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތު ޔޫ.ޕީ.އާރު. މެދުވެރިކޮށް ލިބެއެވެ. އަދި ޔޫ.ޕީ.އާރް. ގެ ނިޒާމު ޤާއިމުކޮށްފައިވަނީ އިންސާނީ ޙައްޤުތަކާ ގުޅޭ އިލްތިޒާމުތައް އުފުލުމުގައި މެމްބަރު ޤައުމުތަކުން އިތުރަށް ރަނގަޅުކުރަން ފެންނަ ކަންކަން ހުށަހަޅައި، އެޤައުމުތަކުން ކުރަމުން އަންނަ މަސައްކަތް އަގުވަޒަންކުރެވޭނެ ފަދަ ގޮތަކަށެވެ.

ޔޫ.ޕީ.އާރު. ގެ 48 ވަނަ ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ ސަލްމާ ރަޝީދުއެވެ. އަދި، މި ވަފުދުގައި ކައުންސެލަރ އާދަމް ހާމިދުއާއި، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމްއާއި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނާެއެވެ. މި ފަހަރުގެ ޔޫ.ޕީ.އާރު. ބައްދަލުވުމުގައިވެސް ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާޙުތަކެއް ރިވިއުކުރެވޭ ޤައުމުތަކަށް ހުށަހަޅާނެއެވެ.

ކޮމެންޓް

871x217_placeholder