ދަ ޑިމޮކްރެޓްސްއަށް ރައީސަކު ހޮވުން އަންނަ މަހު، އަދި ޝައުގުވެރިކަން ފާޅުކުރީ އިންތި އެކަނި

ދަ ޑިމޮކްރެޓްސްގެ ރައީސްކަމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އިމްތިޔާޒް ފަހުމީ -- ފޮޓޯ: ދައުރު
.jpg&w=3840&q=75)
21 ޖެނުއަރީ 2025 - 09:50
ދަ ޑިމޮކްރެޓްސްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމާއި، ފިރިހެން ނައިބު ރައީސްކަމުގެ މަގާމަށް ފަރާތްތަށް އިންތިހާބުކުރަން ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުން، އަންނަ މަހުގެ 15 ދުވަހު ބާއްވަން ނިންމައިފިއެވެ.
އެ ޕާޓީން އިއްޔެ ނެރުނު އިއުލާނުގައި ބުނީ، އެ މަގާމުތަކަށް ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް، އިއްޔެ އިން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އަދި އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބޭ މެންބަރުންގެ ވަގުތީ ލިސްޓު، މާދަމާ ޢާންމުކުރުމަށް ނިންމާފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލަން ނިންމާފައިވަނީ މި ހަފުތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެ އިންތިހާބުގައި ވޯޓު ދެވޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރަން ނިންމާފައިވަނީ މި އަންނަ ހޯމަ ދުވަހުއެވެ.
ޑިމޮކްރެޓްސްގެ މެންބަރުންތަކެއް -- ފޮޓޯ/ މިހާރު
މި އިންތިހާބުގައި ވާދަކުރުމަށް ދަ ޑެމޮކްރެޓްސް އިން ހުޅުވާލައިފައިވާއިރު، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރުމަށް ޝައުގުވެރިކަން އަދި ފާޅުކޮށްފައިވަނީ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަދި އެ ޕާޓީގެ ތަރުޖަމާނު، އިމްތިޔާޒު ފަހުމީ (އިންތި) އެކަންޏެވެ. އަދި އިތުރު މެންބަރަކު އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރިކަން ސާފުވެފައެއް ވެސް ނުވެއެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަކިވި ސިޔާސީ ފަރާތްތަކުން އުފެއްދި ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި މީގެ ކުރިން ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް އެ މަގާމުން އިސްތިއުފާ ދެއްވައި، އެ ޕާޓީން ވަކިވެވަޑައިގެން އަލުން އެމްޑީޕީ އާ ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.
އެއާއެކު، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ފިރުޝާން އާއި އާއިޝަތު އަލައިކާގެ ދެމެދުގައި ނެގުނު ސިއްުރު ވޯޓަކުން އެ ޕާޓީގެ ވަގުތީ ރައީސެއްގެ ގޮތުގައި މިވަގުތު ހުންނަވަނީ ފިރުޝާންއެވެ.
އަދި އެ ޕާޓީގެ ފިރިހެން ނައިބު ރައީސްގެ މަގާމު ވެސް ހުސްވީ، އެ ޕާޓީ އުފެއްދުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަދި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ފުރުއްވި މުހައްމަދު ޝިފާޒު (ޝިއްޕެ) ވެސް އެ ޕާޓީން ވަކިވެވަޑައިގެން، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ސަބަބުންނެވެ.
އިތުރު ލިޔުންތައް
ސަރުކާރު ޖަވާބުދާރީ ކުރުވާނެ އޮނިގަނޑެއް ޑިމޮކްރެޓިކްސްއިން އެކުލަވާލަނީ
5 މަސް ކުރިން
މީޑިއާ ބިލު ފާސް ނުކުރުމަށް ޑިމޮކްރެޓްސް އިން ގޮވާލައިފި
5 މަސް ކުރިން
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްޚުލްވެއްޖެ
4 މަސް ކުރިން