logoEN
ޚަބަރު

އެމެރިކާ ޕެރިސް އެގްރީމެންޓުން ވަކި ވުމުން އެކަމުގެ ނުރުހުން ނަޝީދު ފާޅުކުރައްވައިފި

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ ފަދަ ކުދި ގައުމުތައް ތަހައްމަލް ކުރަމުންދާ ގޮންޖެހުންތައް ބައްލަވާލެއްވުމަށް އެމެރިކާގެ އައު ރައީސް ޑޮނަލް ޓްރަމްޕަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު އަރުވައިފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމެރިކާގެ އައު ރައީސް ޑޮނަލް ޓްރަމްޕު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޕެރިސް އެގްރީމަންޓުން އެމެރިކާ ވަކިވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ނެރުއްވި ބަޔާނެއްގަ އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ރައީސް ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މެންބަރު ޤައުމުތަކުގެ ތެރެއިން މޫސުމަށް އެންމެ ނުރައްކާވާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން 70 ޤައުމަކަށް، ޕެރިސް އެގްރީމަންޓަކީ އުންމީދެއް ކަމަށެވެ. މިފަދަ އެއްބަސްވުމަކުން އެމެރިކާފަދަ ގައުމަކުން ވަކިވުމަކީ ހިތާމައެއް ކަމަށް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ނާޒުކު ހާލަތުގައިވާ ކުދި ގައުމުތަކުގެ މުސްތަގުބަލު ނެތިގެން ގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި އެމެރިކާ ފަދަ ގައުމުތަކުގެ ލިޑާޝިޕްގެ ދައުރު ވަރަށް ބޮޑު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން މިހާލަތުން އަރައިގަތުމަށް މަގުފަހި ކޮށްދޭން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހާއްސަކޮށް ރާއްޖެފަދަ ކުދި ޤައުމުތަކަށް ދިމާވާ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމައް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް، ރާއްޖެވަޑައިގެން އެކަންކަން ބައްލަވާލެއްވުމަށް ، ރައީސް ނަޝީދު ވަނީ ރައީސް ޓްރަމްޕަށް ދައުވަތު އަރުވާފަ އެވެ.

ބައިނަލްއަޤްވާމީ އެއްބައިވަންތަކަން ޙިމާޔަތްކޮށް، ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭކަމަށާއި، އެހެންކަމުން މޫސުމީ ކާރިސާއިން ސަލާމަތްވުމަށް އެންމެން ގުޅިގެން، އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމެރިކާ އެނބުރި ޕެރިހަށް އަންނާނެކަމުގެ ޔަޤީންކަން ވެސް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.

ކޮމެންޓް

871x217_placeholder