މާލެ ސިޓީ ކައުންސިލްގެ ބިންތައް ތަރައްޤީ ކުރުމަށް ޢަމަލުކުރާނެ އުސޫލެއް ފާސްކޮށްފި
23 ޖެނުއަރީ 2025 - 12:23

މާލެ ސިޓީ ކައުންސިލްގެ ނަމުގައި ހުރި ބިންތައް ތަރައްޤީ ކުރުމަށް ޑިވެލޮޕްމަންޓް ކޮންޓްރޯލްސް ތައްޔާރު ކުރެވެންދެން ޢަމަލުކުރާނެ އުސޫލެއް އިއްޔެ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 180 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ފާސްކޮށްފިއެވެ.
މި އުސޫލަށް ޢަމަލުކުރައްވަން ފެންނަކަމަށް ހުށަހަޅުއްވައި، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ، އަޙްމަދު ނަރީޝް ވިދާޅުވީ، މިއީ ވަގުތީ ގޮތުން ހުށަހެޅޭ އުސޫލެއް ކަމަށާއި، ޢިމާރާތް ކުރުމާއި ބެހޭ ޤަވާޢިދުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްސް ހެދުމުގެ މަސައްކަތް މިހާރު މާލެ ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށެވެ. އަދި މި ފާސްކުރެވުނު އުސޫލަށް ޢަމަލު ކުރާނީ އެ މަސައްކަތްތައް ނިމި، ކައުންސިލުން އެ ޤަވާޢިދު ފާސްކުރުމާއި ހަމަޔަށް ކަމަށް ވެސް، ޑެޕިއުޓި މޭޔަރ ފާހަގަ ކުރެއްވިއެވެ.

Ad by Hajj Corporation
ޑެޕިއުޓީ މޭޔަރ އިތުރަށް ވިދާޅުވީ، މީގެ ކުރިން ސަރުކާރުން ތަރައްޤީ ކުރުމަށް ދޫކުރައްވާ ބިންބިމުގައި ޢިމާރާތް ކުރަނީ، ހައުސިންގ މިނިސްޓްރީން ކަނޑައަޅާ ޑިވެލޮޕްމަންޓް ކޮންޓްރޯސްލް ޕްލޭނާއި އެއްގޮތަށް ކަމަށްވީ ނަމަވެސް، ބިނާވެށި ޤާނޫނުގެ ދަށުން މިހާރު މާލޭ ޢިމާރާތްކުރުމުގެ ޤަވާޢިދު ހަދަންޖެހޭނީ، މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރ، އާދަމް ޢާޒިމް ވިދާޅުވީ، މިކަމަކީ މިހާރު ފެށިފައި ހުރި ޕްރޮޖެކްޓްތައް ނިންމުމަށް މެދުވެރިވެފައިވާ ހުރަހެއް ކަމަށާއި، ޕްރޮޖެކްޓްތައް ހުއްޓިފައި އޮތުމަކީ މާލޭގެ ރައްޔިތުންނާއި، ކައުންސިލަށް އެތައް ފައިދާއެއް ގެއްލިގެން ދާނެކަމެއް ކަމަށެވެ. އެހެން ކަމުން މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ، ކައުންސިލަށް ލިބިގެންވާ ބާރުގެ ތެރެއިން ކޮންޓްރެކްޓާއި އެއްގޮތަށް ކުރިޔަށް ގެންދިޔުން ކަމަށް ވެސް މޭޔަރ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، މި ޖަލްސާގައި، މާލެ ސިޓީ އިތުރަށް ފެހި ކުރުމަށް ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިޔުމަށް ބޭނުން ވާތީ، ގްރީނަރީ ގެ ނަމުގައި ކޮމިޓީއެއް އުފައްދަވައި އެ ކޮމިޓީ ވެސް ވަނީ ފާސްކޮށްފައެވެ.