އިހްސާން: ނަތީޖާ ނެރެދިނުމުގައި ތާރީޚް ބަދަލުކޮށްލި ވަޒީރެއް
24 ޖެނުއަރީ 2025 - 11:22
ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ތަރުތީބުކުރެވިފައިވާގޮތުން ޤައުމުގެ ސަލާމަތާއި، ރައްކާތެރިކަމާއި، ޤައުމުގެ މަސްލަހަތާއި ގުޅިފައިވާ މުހިންމު މަސައްކަތްތަކެއް ހިނގަމުން އަންނަ އެއް ވުޒާރާއަކީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވުޒާރާއެވެ.
އެ ވުޒާރާއާއި މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމާއި، ރާއްޖޭގެ އިމިގްރޭޝަނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ކުށްވެރިން ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުމާއި އަދި ސައިންސާއި ޓެކްނޮލޮޖީ މަސައްކަތްތައް ވިލަރެސްކޮށް ހިންގާ ބެލެހެއްޓުން ހިމެނެއެވެ. އެ ވުޒާރާ އާއި މައިގަނޑު 48 ޒިންމާއެއް މަތިކޮށްފައިވާއިރު، އެ ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތަކެއް ހުރެއެވެ. އަދި މި ކޮންމެ މުއައްސަސާއަކަށް ވަކި ޚާއްޞަ ޒިންމާތަކެއް މަތިކޮށްފަވެއެވެ.
މި މުއައްސަސާތަކުގެ ތެރޭގައި ހިމެނެނީ، ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، ނޭޝަނަލް ޑްރަގް އެޖެންސީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ، ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރު އަދި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އެވެ.
ރައީސް މުޢިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން ވަޒީރު ދައްކަވާ ބުންވަރު
މި ހުރިހާ މަސައްކަތްތަކާއި، މުވައްސަސާއެއްގެ މެންޑޭޓްގައިވާ މަޤްޞަދުތައް ހާސިލްކުރުމުގެ ކަންކަން ބަލަހައްޓައި، ތަންފީޒުކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރަކީ، މި ވުޒާރާގެ ވަޒީރު ޢަލީ އިހްސާނެވެ.
ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އެންމެ ޖެހިލުންވާ ވަޒީރަކީ ވެސް އެޔެވެ. ސަބަބަކީ އެ ވަޒީރާ ހަވާލުވެފައިވާ ޒިންމާތަކުގެ ނަތީޖާ މަދު ދުވަސްކޮޅެއްތެރޭ ނެރެދެއްވާ، އެ ވަޒީރުގެ މަސައްކަތުން ސަރުކާރުގެ މަގްބޫލުކަން މައްޗަށް ދިޔުމެވެ. އެ ވަޒީރަށް މި ނަތީޖާ ހާސިލް ކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފުރިހަމަ އިރުޝާދުގެ ސަބަބުންކަމާމެދު ޝައްކެތް ނެތެވެ.
ވަޒީރު ޢަލީ އިހްސާން ބަލަހައްޓަވާ މަސައްކަތްތަކުގެ ތެރެއިން ކާމިޔާބުގެ ލިސްޓުން އެއް މަސައްކަތަށް ނަޒަރުކޮށްލި ނަމަވެސް ވަޒީރުގެ ލީޑަރޝިޕްގެ ދަށުން ހޯދަމުން އަންނަ ކާމިޔާބީތައް ކުލަވެގެން އާދެއެވެ. މިގޮތުން ބަލާއިރު ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީން މައްސަލައަކީ ޤައުމީ ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ހައްލު ހޯއްދެވުމުގައި ވަޒީރު އަލީ އިހްސާނާއި ''ހޯމް ޓީމް'' ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކާމިޔާބެއް ހޯދާފައެވެ.
ނުގަވައިދު ބިދޭސީންގެ މައްސަލަހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ވަޒީރު އިހްސާންގެ ބެއްލެވުމުގެ ދަށުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފެށުން ހިމެނެއެވެ. މި އޮޕަރޭޝަންގެ މަޤްޞަދަކީ ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު ދެނެގަތުމާއި، އެ ފަރާތްތަކުގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކުރުމެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން، ރާއްޖޭގެ 51 ރަށެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. މިހާތަނަށް 21،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށް ވަޒީރު އިހްސާން ވަނީ ހާމަކުރައްވާފައެވެ. އަދި ފޯނު އެޕްލިކޭޝަނެއް މެދުވެރިކޮށް ބިދޭސީންގެ މަޢުލޫމާތު ވެރިފައި ކުރެވޭނެ ނިޒާމެއްވެސް ވަނީ ޤާއިމުކުރަށްވާފައެވެ.
މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފުރުވާލުމުގެ މަސައްކަތްވެސް ވަނީ ހަލުވިކުރެވިފައެވެ. 17 ނޮވެމްބަރު 2023 އިން 31 ޑިސެމްބަރު 2024 ގެ ނިޔަލަށް 5،613 ބިދޭސީން ވަނީ ފުރުވާލެވިފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 177% އިތުރު އަދަދެކެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލެ އާއި ހުޅުމާލޭގައި މާސް އިންސްޕެކްޝަންތަކެއް ދަނީ ކުރިއަށް ގެންދަވަމުންނެވެ. އަދި ރާއްޖޭގެ އެކި އަތޮޅުތަކުގައި ޚާއްޞަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން، ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީންނާއި، ޤަވާއިދާ ޚިލާފަށް ވިޔަފާވިޔަފާރިކުރާ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ފުރުވާލުމުގެ ސިޔާސަތެއްވެސް ވަނީ ތަންފީޒުކުރަން ފަށާފައެވެ.
ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޚިދުމަތެއް ވަނީ ތަޢާރަފުކޮށްފައެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މި ޚިދުމަތަށް 1,161 މައްސަލަ ހުށަހެޅިފައިވެއެވެ.
ބިދޭސީންގެ މެޑިކަލް ޗެކްއަޕް ހެދުމުގެ ނިޒާމުވެސް ވަނީ އިޞްލާޙުކޮށްފައެވެ. މިގޮތުން، ރާއްޖެ އައުމަށްފަހު މެޑިކަލް ޗެކްއަޕް ހެދުމަށް ދެވޭ މުއްދަތު 30 ދުވަހުން 15 ދުވަހަށް ވަނީ ކުރުކޮށްފައެވެ. އަދި 4 ޖަނަވަރީ 2024 އިން ފެށިގެން ވަރކް ޕަރމިޓް ދޫކުރެވޭނީ ނުވަތަ ވާރކް ޕާމިޓްގެ ފީ ދެއްކޭނީ، ވާރކް ޕާމިޓް މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންކަމަށް ވަނީ ހަމަޖައްސާފައެވެ.
ޤާނޫނީ އޮނިގަނޑަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ޤަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނެސްފަވެއެވެ. މީގެ އިތުރުން، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު އާންމުކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް، އަލަށް ހުއްދަތައް ދޫކުރުން ވަނީ ހުއްޓާލާފައެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ފައިސާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން 17 ނޮވެމްބަރ 2023 ގެ ނިޔަލަށް ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 1,765,704,400 ރުފިޔާއެވެ. އެހެންނަމަވެސް، މި ފައިސާ ހޯދުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު މި އަދަދު ވަނީ 899,152,482.00 ރުފިޔާއަށް ދަށްކޮށްފައެވެ.
އިހްސާނުގެ މާލިމީކަމުގައި ހޯމް ޓީމުން ބޮޑު ކާޔާބެއް
ރައީސް މުޢިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން ވަޒީރު އިހްސާންގެ ރޭވުންތެރިމާއެކު ހޯމް ޓީމުން މިވަނީ ތާރީޚުން ޖާގަ ހޯދާފައެވެ. މީގެ ކުރީ އެއްވެސް ސަރުކާރަކަށް ''އަތްލާން ނުކުރެނު'' ކަންކަމުގައި އަތްލައި ރައްޔިތުންނަށް ހަމަނޭވާލާން ފުރުސަތު ފަހިކޮށްދީފައެވެ. ވަޒީރު އިހުސާނާއި ހޯމް ޓީމް ކުރަށްވާ މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައިކަން ނަންބަރުތަކުން އެހެރީ ފެންނާށެވެ.