ފަތުރުވެރިކަމުގެ މަސައްކަތްތަކަށް ކުޑަ އިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރަން ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފިއްލަދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

28 ޖެނުއަރީ 2025 - 12:16
އާންމުކޮށް ކޮމާޝަލް ބޭނުންތަކަށް ލޯނު ދޫކުރާ ވަރަށްވުރެ ތިން އިންސައްތަ ކުޑަކޮށް ފަތުރުވެރިކަމަށް ދޫކުރާ ބިންތައް ހެދުމަށް ލޯނު ދޫކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންމިއަދު ހއ. ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، އެރަށުގެ ކައުންސިލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރަން، މިފަދަ ލޯނުތަކެއް ދޫކުރަން ފެށުމުން އެ ޕްރޮޖެކްޓްތައް ނިމި ފަތުރުވެރިކަން ފުޅާކުރުމަށް ފަހި ވެގެން ދާނެ ކަމަށެވެ.
އެހެންކަމުން އެތަންތަން ހެދޭނެ ގޮތް ސަރުކާރުން ފަހި ކޮށްދިނުމަށްޓަކައި، ފިނޭންސް މިނިސްޓްރީއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މިކަން މަޝްވަރާކޮށް، މި ލޯނުތައް ދޫކުރުމުގެ ފަހު މަރުހަލާގައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާންމުކޮށް ބޭންކިން ނިޒާމުގެ ތެރެއިން ދޫކުރާ ލޯނުތަކުގެ އެހީގައި، މި މަޝްރޫޢުތައް ނިންމުން ލަސްވާނެ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެހެންވީމާ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ތަންތަން ހެދުމަށް މިހާރު ދޫކުރާ ލޯނަށް ވުރެ ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލޯނު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އާއްމުކޮށް މި ގޮތަށް ކޮމާޝަލް ޕްރޮޖެކްޓްސްތަކަށް ލޯނު ދޫކުރާ ވަރަށްވުރެ އިންޓަރެސްޓް ރޭޓް ކުޑަކޮށް ފިނޭންސް މިނިސްޓަރު އަޅުގަނޑަށް ދެންނެވީ މިހާރު ދޫކުރާ އިންޓަރެސްޓް ރޭޓަށްވުރެ ތިން ޕަސަންޓު ކުޑަވާނެ ކަމަށް. އިންޓަރެސްޓް ރޭޓް ކުޑަކޮށް ދޫކުރާ ލޯނުތަކެއްގެ ކަންތައް މިހާރު ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ގޮސްފައިވާ ވާހަކަ ދަންނަވަން،-ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމަށް، 2006 ވަނަ އަހަރު އެމްޓީޑިސީއަށް ރިސޯޓެއް ހަދަން ދޫކުރެވުނު ހދ. ނާގޯށީގެ މަސައްކަތްތައް ނިންމުމަށް ސަރުކާރުން ބީއެމްއެލްއާއި ގުޅިގެން ޚާއްސް ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ، ސަރުކާރުގެ އެއްބާރުލުމާއެކު އެްމްޓީޑީސީއަށް އެ ރިސޯޓް ނިންމުމަށް މަގު ފަހި ކޮށްދިނުން ކަމަށްވެސް ރައިސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ފަތުރުވެރިކަން ޑައިވަސިފައިކުރުމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ކުރެވޭނެ
7 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
7 މަސް ކުރިން