logoEN
ރިޕޯޓް

ނޭމާ ޖޫނިއަރ: ރަސްކަލަކަށް ނުވެވުނު ރާޖާ

އެކި ސަބަބުތަކާހުރެ ނޭމާ އަށްވަނީ އޭނާގެ އުއްމީދުތައް ހާސިލް ކުރެވޭގޮތް ނުވެފައި

އެކި ސަބަބުތަކާހުރެ ނޭމާ އަށްވަނީ އޭނާގެ އުއްމީދުތައް ހާސިލް ކުރެވޭގޮތް ނުވެފައި

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

01 ފެބްރުއަރީ 2025 - 09:50

ފަހަކަށް އައިސް ފުޓްބޯޅައިގެ ދުނިޔެދުއް އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި ބްރެޒިލްގެ ސުޕަރ ސްޓާރ ނޭމާ ޖޫނިއަރ އުމުރުން 32 އަހަރުގައި، އޭނާގެ ކެރިއަރ ފެށުނު ކްލަބް ސަންޓޯސްއަށް ސޮއިކޮށްފިއެވެ. ރޭގައި ސަންޓޯސް ގެ ސްޓޭޑިއަމްގައި ވަނީ ކުލަގަދަ ހަރަކާތްތަކާއެކު ސަންޓޯސް ގެ ޖޯޒީގައި ނޭމާ އެޓީމުގެ ސަޕޯޓަރުންނަށް ދައްކާލާފައެވެ.

ނޭމާ އަލުން ސަންޓޯސް އާއި ގުޅުނީ އޭނާގެ ކެރިއަރ އަލުން ދިރުވައި، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ޖާގައެއް ހޯދުމަށް ކުރާ މަސައްކަތުގައެވެ. އެގޮތުން ސަންޓޯސް އާއެކު އޭނާ ހަދާފައިވަނީ 6 މަސްދުވަހުގެ އެއްބަސްވުމެކެވެ.

undefinedނޭމާ ވަނީ 6 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަންޓޯސް އަށް ސޮއިކޮށްފައި.

މެސީއާއި ރޮނާލްޑޯ ފިޔަވައި ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔާ ނޭމާ އަކީ ޕެލޭގެ ވާރިސްކަމަށް ގިނަބަޔަކު ޤަބޫލުކުރިއެވެ. އަދި މެސީއާއި ރޮނާލްޑޯގެ ފަހުން އެންމެ ފުރަތަމަ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާނީ ނޭމާ ކަމަށް ގިނަބަޔަކު ޤަބޫލުކުރިނަމަވެސް، ކެރިއަރުގައި އޭނާއަށް ހެދުނު ގޯސްތަކުގެ ސަބަބުން އެކަން ހާސިލްކުރެވޭގޮތެއް ނުވިއެވެ.

ނޭމާ ވަނީ 2011 ވަނަ އަހަރުގައި އޭނާގެ އުމުރުން އެންމެ 19 އަހަރުގައި ބްރެޒިލްގެ ސަންޓޯސްގައި ކުޅެމުން ބެލަންޑިއޯގެ 10 ވަނައިގައި ހިމެނިފައެވެ. މިއީ ޔޫރަޕުގެ ބޭރުން މިހާ ޅައުމުރެއްގައި ކުޅުންތެރިޔަކު ބެލަންޑިއޯގެ ރޭންކިންގައި މިހާ ކުރިހޯދި ފުރަތަމަ ފަހަރެވެ. އަދި އޭގެ ފަހުން ބާސެލޯނާއަށް ބަދަލުވެ 2015 އަދި 2017 ގައި ރޮނާލްޑޯ އާއި މެސީގެ ފަހަތުން ބެލަންޑިއޯގެ 3 ވަނަވެސް އޭނާ ވަނީ ހޯދާފައެވެ. ބާސެލޯނާގެ ތާރީޚުގައި ފެނުނު އެންމެ ވަރުގަދަ އެޓޭކިން ޓްރިއޯ (MSN) ގައި ނޭމާ ވަނީ މުހިންމު ދައުރެއް އަދާކޮށްދީފައެވެ. ނަމަވެސް އޭރުވެސް އޭނާއަށް ބެލަންޑިއޯ ލިބުމުގެ އެންމެ ބޮޑު ހުރަކަކަށްވީ މެސީއެވެ. އެހެންކަމުން 2017 ވަނަ އަހަރުގައި ނޭމާ ވަނީ މެސީގެ ހިޔަނީގައި އިތުރަށް ކުޅެން މަޑުނުކޮށް ބެލަންޑިއޯ އާއި ޗެންޕިއަންސް ލީގު ހުވަފެނާއެކު ރެކޯޑް ޓްރާންސްފާ ފީއެއްގެ ދަށުން 222 މިލިޔަން ޔޫރޯއަށް ޕީ.އެސް.ޖީއަށް ބަދަލުވެފައެވެ.

undefinedMSN ޓްރިއޯ؛ މިއީ ފަހުގެ ތާރީޚެއްގައި ފުޓްބޯޅަ ދުއް އެންމެ ވަރުގަދަ އެއް ފޯވާޑް ލައިން

ޕީ.އެސް.ޖީގައި އޭނާއަށް ބާސެލޯނާގައި ހޯދި ކާމިޔާބީތައް ތަކުރާރުކުރެވޭގޮތެއް ނުވިއެވެ. އަދި އޭގެފަހުން އަނިޔާގެ ސަބަބުން ޕީ.އެސް.ޖީގެ އޭނާގެ ކެރިއަރު ވަނީ ނިންމާލައި 2023 ވަނަ އަހަރުގައި އަހަރަކު 104 މިލިޔަން ޑޮލަރުގެ މުސާރައަކަށް ސަޢޫދީގެ އަލް-ހިލާލް އަށް ބަދަލުވެފައެވެ. އަނިޔާގެ ސަބަބުން އަލް-ހިލާލްގައިވެސް އޭނާއަށް ކުލެވުނީ އެންމެ 7 މެޗެވެ. އަދި އަނިޔާގެ ސަބަބުން ނޭމާގެ އަސްލު ފެންވަރަށް އެނބުރި އާދެވޭނެކަމާއިމެދު ސުވާލުއުފެދި އަލް-ހިލާލް އިންވެސް ވަނީ ނޭމާގެ ކޮންޓްރެކްޓް ބާތިލްކޮށްފައެވެ.

undefinedއަނިޔާގެ މައްސަލަތާކާހެދި ކެރިއަރުގައި އޭނާއަސް ވަނީ ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިފައި

ނޭމާ ވަނީ މިހާތަނަށް ކުޅުނު 591 މެޗުގެ ތެރެއިން 360 ގޯލުޖަހައި 220 އެސިސްޓް ހަދާފައެވެ. އޭނާގެ ކުލަބު ކެރިއަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީގެ ތެރޭގައި 7 ފަހަރު ލީގު ތަށިނެގުމާއި 1 ފަހަރު ޗެންޕިއަންސް ލީގު އަދި ކްލަބް ވޯލްޑްކަޕް ނެގުން ހިމެނެއެވެ. ނަމަވެސް ބްރެޒިލްގެ ޤައުމީޓީމުގައި އޭނާއަށް ލިބިފައިވަނީ އޮލިމްޕިކް މެޑައްޔެއް އެކަންޏެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ބްރެޒިލްއަށް 2022 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ނޭމާގެ ލީޑަރޝިޕްގެ ދަށުން ނަގައިދޭނެކަމަށް ގިނަބަޔަކު ކުރަމުންގެންދިޔަ އުއްމީދުގައި އަދިވެސް ކުލަޖެހޭގޮތެއް ވަނީނުވެފައެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލަންޑިއޯ ހުވަފެނުގައި ކުލަޖެހޭނެކަމާއިމެދު މިހާރު ގިނަބަޔަކު ޝައްކުކުރެއެވެ. ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ލެގަސީއެއް ބިނާކުރެވޭނެ ހުރިހާ ހުނަރަކާއި ވަޞީލަތެއް ނޭމާއަށް ލިބިގެންދިޔަނަމަވެސް، އެކަންކަން ހާސިލް ކުރެވިފައިނެތުމުން ގިނަބަޔަކު ޤަބޫލުކުރަނީ ނޭމާ އަކީ 'ރަސްކަލަކަށް ނުވެވުނު ރާޖާ' ގެ ގޮތުގައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder