logoEN
ޚަބަރު

ފެހުރިހި ބަލަން ސަމްޕާއަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑުއަޅަން މަޖުބޫރުކޮށްފި

ހުސައިން ވަސީމްހުސައިން ވަސީމް

01 ފެބްރުއަރީ 2025 - 18:39

އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް (ސަމްޕާ) ސަރަޙައްދައްދާ އުޅަނދުތަކުގައި ބުރަފަތީގައި ގާޑް އެޅުން މަޖުބޫރުކޮށް ސަމްޕާ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް ސަރުކާރުން އާންމުކޮށްފި އެވެ.

ސަމްޕާ މެނޭޖްކުރާނެ ގޮތުގެ ޕްލޭނުގައި ވަނީ ފެހުރިހި ބަލަން ސަމްޕާ އަށް ދާ ކޮންމެ އުޅަންދެއްގައި ސަލާމަތީ ގޮތުން އެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހެ އެވެ. ފެހުރިހި ބަލަން މޫދަށް ފޭބޭނީ އެންމެ ކައިރި އޮންނަ ހަތަރު އުޅަނދުންނެވެ އަދި ފެހުރިހި ބެލުމަށް އެންމެ ގިނަވެގެން މޫދުގައި ތިބެވޭނީ 60 މީހުންނަށް ކަމަށް އެ ޕްލޭންގައި ބުނެފައިވެ އެވެ.

މި ޕްލޭން ތަންފީޒުކުރުމަށް ކޮމެޓީ އެއް އެކުލަވާލަން ޖެހެ އެވެ. އެ ކޮމެޓީގައި ތިބެން ޖެހެނީ ތިމާވެށްޓާ ބެހޭ ވުޒާރާ، އީޕީއޭ، ޑިފެންސް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، ފުލުހުން، އދ. އަތޮޅު ކައުންސިލާއި ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ޖަމިއްޔާތަކެވެ.

އެ ޕްލޭނުގައި ސަމްޕާ ސަރަހައްދު ހިމާޔަތްކޮށް، އުސޫލުތައް ތަންފީޒުކުރުމަށް އެކަމަށް ހާއްސަ ބަޔަކު ތަމްރީނުކޮށް، އެ ސަރަހައްދު މޮނިޓާކުރުމަށް ވެސް ތިމާވެށްޓާ ބެހޭ ވުޒާރާގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.

މީގެ އިތުރުން ޑައިވިން އަދި ސްނޯކްލިން ކުރުމުގެ ބޭނުމަށް ސަމްޕާ ސަރަޙައްދަށް ވަންނަ އުޅަނދުފަހަރު އީޕީއޭގެ ސަމްޕާ ވެސެލް ރެޖިސްޓްރޭޝަން (

Gazette

) ޚިދުމަތުގެ ތެރެއިން ރަޖިސްޓަރ ކުރުމަށް އީޕީއޭ އިން ވަނީ އަންގާފަ އެވެ.އަދި މި ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭން ޝާޢިއު ކުރާތާ 3 މަސްދުވަހެގެ ތެރޭގައި ސަމްޕާ ސަރަޙައްދު ބޭނުންކުރާ އުޅަނދުފަހަރު ރަޖިސްޓްރޭޝަން ފުރިހަމަ ކުރަންވެސް އީޕީއޭ އިން ވަނީ އަންގާފަ އެވެ.

އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް (ސަމްޕާ) ސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ސަރަޙައްދެކެވެ އަދި މިއީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ބޮޑު ސަރަޙައްދެވެ.

ކޮމެންޓް

871x217_placeholder