ޚާރިޖީ ވަޒީރު، ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
2 ފެބްރުއަރީ 2025 - 04:50

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢޫދުގެ ދަޢުވަތަކަށް ޚަލީލް ކުރެއްވި ދަތުރުފުޅެކެވެ.

Ad by Hajj Corporation
މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރާއި ސަޢޫދީ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ. މީގެއިތުރުން ރާއްޖެއާއި ސައުދީއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މި ދަތުރުފުޅުގައި އިތުރަށް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދު ތަރައްޤީކޮށް ސިންދަފާތުކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ބިނާރާ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން މަދީނާ އަދި ރިޔާދުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.
ހަމައެހެންމެ ސައުދީގެ ރިޔާޟްގައި ހުންނަ ރާއްޖޭގެ އެމްބަސީއަށާއި ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތްކުރައްވައިފައިވާއެވެ. މި ޒިޔާރާތުގައި ދިވެހިންނާއި ޙައްޖާއި ޢުމްރާއަށް ދާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށާއި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ސިޔާސީ އަދި އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގައި އެމްބަސީއާއި ކޮންސިއުލޭޓުން ވިލަރެސްކޮށްގެން ކުރައްވާ މުހިންމު މަސައްކަތްތަކަށް މިނިސްޓަރ ވަނީ ތައުރީފުކުރައްވަފައެވެ.
ސައުދީގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް އެމަނިކުފާނު ރާއްޖެއިން ސައުދީއަށް ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.


