ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުރައްކާތެރި ބަލިތައް ހުއްޓުވުމަށް ލިބޭނެ ބޮޑު ފައިދާއެއް: ފަސްޓް ލޭޑީ

މެޑަމް ސާޖިދާ "ކްލައިމެޓް ރެޒިލިއަންޓް އެގްރިކަލްޗާ ފޯ ފުޑް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން--ފޮޓޯ: ރައީސް އޮފީސް

03 ފެބްރުއަރީ 2025 - 10:07
ޤުދުރަތީ ކާރިސާތަކުގެ އަސަރުތަކަށް ކުރިމަތިލެވޭނެ ފަދަ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާއަތެއް ގާއިމުކުރުމަށް ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.
"ކްލައިމެޓް ރެޒިލިއަންޓް އެގްރިކަލްޗާ ފޯ ފުޑް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ މޫސުމީ ބަދަލުތަކުގެ އަސަރުތަކަށް ކުރިމަތިލުމަށާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ދަނޑުވެރިންނަށް ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުކުޅުތަކުގެ ޤާބިލުކަން އިތުރުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.
އަދި ކެމިކަލް ގިނަ ގަސްކާނާ ބޭނުންކުރުމުން ކުރު މުއްދަތަކަށް ގަސް ހެއްދުން އަވަސްވި ނަމަވެސް، އެއީ ދެމެހެއްޓެނިވި އަދި މޫސުމަށް ރައްޓެހި ދަނޑުވެރިކަމަށް ހުރަސްއެޅޭ ކަމެއްކަމުގައި ވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ދަނޑުވެރިންނާއި، ވިޔަފާރިވެރިންނާއި އަދި މުޖުތަމަޢުއަށް އެންމެ ފަހުގެ މަޢުލޫމާތާއި ޓެކްނޮލޮޖީގެ ކުރިއެރުންތައް ލިބި، ސްމާޓް އަދި ހަރުދަނާ ހައްލުތައް ބޭނުންކުރުމުގެ ބާރު ލިބިދިނުމުގެ މުހިންމުކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިކަމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަކީ، ދަނޑުވެރިކަމުގެ ސިނާަތް އިތުރުކޮށް، ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރެވި، އުފެއްދުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި އަދި ވަރުގަދަ ކާބޯތަކެތީގެ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
އަދި، ދިގު މުއްދަތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުރައްކާތެރި ބަލިތައް ހުއްޓުވުމަށް ލިބޭނެ ބޮޑު ފައިދާއެއް ކަމުގައި ފާހަގަކުރައްވަމުން މެޑަމް ވަނީ، ރާއްޖޭގައި މޫސުމަށް ކުރިމަތިލެވޭ ދަނޑުވެރިކަން ކުރިއެރުވުމަށް ޤައުމީ ޕްލޭންތައް އެކުލަވާލާއިރު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ޤައުމީ ޔުނިވާސިޓީގައި މިއަދު ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މި ކޮންފަރެންސްގެ މަޤްޞަދަކީ ރާއްޖޭގައި މޫސުމީ ބަދަލުތަކަށް ކުރިމަތިލެވޭ ދަނޑުވެރިކަމެއް ތަރައްޤީކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޝްވަރާތައް ހިންގުމަށް ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގެ މަޝްވަރާތަކުގައި، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވޮތުން މަޝްވަރާކުރަން ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ދަނޑުވެރިކަމުގެ ދާއިރާގެ މާހިރުން، އަދި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުން ބަިއިވެރިވެވަޑައިގަންނަވައެވެ.
އިތުރު ލިޔުންތައް

ކުޑަކުދިންނަކީ މުޖްތަމައުގެ ވިންދު: މެޑަމް ސާޖިދާ
7 މަސް ކުރިންޖަޕާނުގައި ދަނޑުވެރިކަން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި
6 މަސް ކުރިން
ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ދަނޑުވެރިކަމުގެ ޒަމާނީ އަދި ޒުވާނުންގެ ބައިވެރިވުމާ ގުޅޭ ގޮތަށް
6 މަސް ކުރިން