logoEN
ޚަބަރު

ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތް، ދުންފަތުން ދުރުހެލިވޭ: ރައީސް

ރައީސް މުއިއްޒު

ރައީސް މުއިއްޒު

އާމިނަތު ސަފާއާމިނަތު ސަފާ

04 ފެބްރުއަރީ 2025 - 04:32

ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމުގައިވާއިރު އެ އާދައިން ދުރުވުމަށް އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިފަދައިން އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުންކަމުގައިވާތީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް ޢަޒުމް ކަނޑައަޅަންޖެހޭކަމަށެވެ.

ރައީސްވަނީ އުފާވެތި، ދުޅަހެޔޮ، އަދި ވިލުންތެރި ޤައުމެއް ބިނާކުރުމަށް ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން، ވެސް ދެއްވައިފައެވެ.

އެ މަނިކުފާނުގެ މެސެޖުގައި، 2025 ވަނަ އަހަރު ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަށް ކަނޑައަޅާފައިވާ، "ޔުނައިޓަޑް ބައި ޔުނީކް" ނުވަތަ "އެފަދަ ދެވަނައެއްނެތް އެއްބައިވަންތަކަން" މި ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އެގޮތުން، މި ޝިޢާރުގައިވާ ފަދައިން، ބަލި ތަހައްމަލު ކުރާ ކޮންމެ މީހަކީވެސް ތަފާތު ދަތުރެއް ކުރާ މީހެއް ކަމަށާއި، އެހެން ނަމަވެސް މި ޝިޢާރުގައި ބުނެދޭ ފަދައިން އަޅުގަނޑުމެން ތިބީ އެއްބައިވަންތަ ކަމާއިއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2030 ވަނަ އަހަރުގެ ނިޔަލަށް ޢާންމު ޞިއްޙަތުގެ ކަންބޮޑުވުމެއްގެ ގޮތުގައި ސަރވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ބަލި ނައްތާލުމުގެ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އަމާޒަށް ވާޞިލުވުމަށް ރާއްޖެއިން ދަނީ، ކަނޑައެޅިފައި އޮތް ރާސްތާއިން މަސައްކަތް ކުރައްވަމުންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކެންސަރު ބަލީގެ ޚާއްޞަ މަރުކަޒެއް ޤާއިމުކޮށް، ޕެލިއޭޓިވް ކެއަރ ނުވަތަ ހައްސާސް ބަލިތައް ހުންނަ މީހުންގެ އަލާމާތްތައް ދެނެގަނެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭ ޚިދުމަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކޮށް، ޚިދުމަތް ހޯދޭނެ މަގުތައް އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު ޕްރައިމަރީ ހެލްތު ކެއާ ގެ ޚިދުމަތް މެދުވެރިކޮށް، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި، ފަސް ބާވަތެއްގެ ކެންސަރު ބައްޔަށް ސްކްރީން ކުރެވޭކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކެންސަރު ބަލީގެ ޚާއްޞަ ތަހުލީލުތައް ކުރެވޭ ނުވަތަ، ސްޕެޝަލައިޒްޑް ސްކްރީނިންގް މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެ ކަމުގެ ސަބަބުން ކެންސަރާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އިތުރު އެހީތެރިކަމެއް ލިބޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެ ތަންތަނަކީ ރަށުފެންވަރުގެ އާބާދީތަކަށް ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކެންސަރު ބަލި ޖެހުމަށް މަގުފަހިކުރުވާ ކަންކަމާ ދެކޮޅަށް ޤައުމި ފެންވަރުގައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ޤާނޫނާއި ސިޔާސަތުތައް ހަރުދަނާކޮށް، ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދެވެމުން ދާ ކަމީ، ކެންސަރުގެ ނުރައްކަލަށް ހުށަހެޅިދާނެ ޢަމަލުތަކުން ރައްޔިތުން ރައްކާތެރިކުރުމަށް، އަދުގެ ސަރުކާރުން ސާބިތުކަމާއެކު ދެމި އޮތްކަން ހާމަކޮށްދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ކެންސަރު ބަލީގެ ދުވަހެއް ފާހަގަކުރަމުން ދާ އިރު، މި ބަލީގައި އަޅުގަނޑުމެންނާ ވަކިވެ ގޮސްފައިވާ ފަރާތްތަކުގެ ހަނދާން އައު ކުރައްވައި، މި ބަލީގެ ވޭން މިހާރުވެސް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ގަދަ ހިތްވަރާއި ވިލުންވެރި ސާބިތުކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ބައިނަލްއަޤްވާމީ ބައިވެރިންނަށާއި، ކެންސަރު ބައްޔާއި ދެކޮޅަށް ވަކާލާތުކުރާ ފަރާތްތަކަށާއި، އަދި މުޅި މުޖުތަމަޢަށްވެސް ނުހުނު އިޚްލާޞްތެރިކަމާއެކު އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެންމެން ގުޅިގެން މަސައްކަތްކޮށް، ޒިންމާދާރުކަމާއި، ޙިއްޞާކުރުމުގެ ތެރެއިން ބަލިން ރައްކާތެރިވުމާއި، އަވަހަށް ބަލި ދެނެގަތުމާއި، ހަމަހަމަކަމާއެކު ފަރުވާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވޭ ކަމުގެ ނިޝާނެއް ކަމުގައި ރައީސުލްޖުމްހުރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓްގައިވެސް ޚާއްޞާ މެސެޖެއް ޙިއްޞާ ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހަކީ ކެންސަރު ބައްޔާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ފާހަގަކުރާ ދުވަހެކެވެ.

ރާއްޖޭގައިވެސް ކެންސަރުބަލި އާއްމުވަމުން އަންނައިރު މާލެ ސަރަޙައްދުން މިހާތަނަށް މި ދަފްތަރުގައި 1،600 އަށްވުރެ ގިނަ މީހުން ދަފްތަރު ކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ- އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި އަތޮޅު ތެރޭގައި ތިބި ކެންސަރު ޕޭޝަންޓުންގެ މައުލޫމާތު ދަފްތަރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ސަރުކާރުން ބުނެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder