logoEN
ޚަބަރު

ފަޒުލްގެ ގެ އިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި

ފަޒުލް ރަޝީދު

ފަޒުލް ރަޝީދު

ސުދާ ލަތީފްސުދާ ލަތީފް

04 ފެބްރުއަރީ 2025 - 09:55

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާ އޭނާއާ އަނބުރާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު، ދަބަހެއްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފަ އެވެ.އެ ދަބަހުގައި 1.4 މިލިއަނެއްހާ ރުފިޔާ ހުއްޓެވެ.

ފަޒުލްގެ ގެއިން ފެނުނު ފައިސާއާ ގުޅޭގޮތުން ރިލެކްސް ފެރީ ސާވިސަސް ނަމަކަށް ކިޔާ ކުންފުންޏަކުން ބުނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ އެކު މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށެވެ. އަދި އެ ލޯންޗުގެ ފެންވަރު ރަނގަޅުވުމުން، ދެވަނަ ފަހަރަށް ލޯންޗެއް ބަނުމަށް މިދިޔަ އަހަރު ކުރީކޮޅު މަޝްވަރާކޮށް މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ގޯތި މައްސަލައިގައި ފަޒުލްގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއަށް ބިމެއް ދިން މައްސަލައެއް ހިމެނެއެވެ. މި މައްސަލަ ފުލުހުންނާއި އޭސީސީން ތަޙުޤީޤުކުރަމުންދާތީ، ތަޙުޤީޤަށް ފުރުޞަތު ދިނުމުގެ ގޮތުން ފަޒުލް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، ފަޒުލްގެ ގެއިން ފެނުނު ފައިސާއާ ގުޅޭގޮތުން ރިލެކްސް ފެރީ ސާވިސަސްއިން ދީފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް ފުލުހުން މަސައްކަތްކުރާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލާގައި ފަޒުލްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިންކަމަށް ތުހުމަތުކުރެވެނީ ފަޒުލްގެ އިތުރުން އޭނާގެ ބޭބެ އަދި އެމްޑަބުލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދުގެ މައްޗަށެވެ.

ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder