ރިޔާސީ ބަޔާން 2025: ތަރިކަތައަށް ހިމާޔަތް، ޤައުމިއްޔަތަށް ދިރުން

07 ފެބްރުއަރީ 2025 - 15:30
ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ދިވެހި ޤައުމިއްޔަތު އިޔާދަކޮށް ދިރުވައި، ތަރިކަ ހިމާޔަތްކުރުމުގެ ދާއިރާއިން ވޭތުވި އަހަރު ސަރުކާރުން ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ރޮނގުން ރައީސް ދެއްކެވި ވާހަކަފުޅުގެ ޚުލާޞާއަކަށް ބަލާއިރު،
1. ޤައުމިއްޔަތުގެ މުހިންމުކަން
ރައީސް ވިދާޅުވީ ޤައުމިއްޔަތަކީ ކޮންމެ ޤައުމެއްގެވެސް އެންމެ އަސާސީ ޤައުމީ މަޞްލަޙަތު ކަމަށެވެ. މިގޮތުން، ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ އަމިއްލަވަންތަކަން ދިރުވައި އާލާކުރުމަށް ވޭތުވެދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
2. އައު މުއައްސަސާތަކުގެ އުފެއްދުން
ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފައްދައި، އޭގެ ފުރަތަމަ އަހަރީ މަހާސިންތާ ބޭއްވިފައިވާ ކަމަށާއި، ދިވެހި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އުފައްދައި، ވިލަރެސްވެރިން ނަގައި، ދިރާސާތައް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
3. ޓެކްނޮލޮޖީގެ ބޭނުންހިފުން
ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އާސާރީ ތަންތަން 3ޑީ ސްކޭނިންގ ހެދުމާއި، ދިވެހިރާއްޖޭގެ މާއްދީ ތަރިކަ ދަފްތަރުކުރުމުގެ މަސައްކަތް ހަލުވިކުރެވި، އާންމުންނަށް ފަސޭހައިން ލިބޭނެ ޑޭޓާބޭސްއެއް ޤާއިމުކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
4. ކުރިއަށް ރޭވިފައިވާ މަޝްރޫޢުތައް
- ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ދިވެހި ސަގާފަތާއި ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމްވޯކްތައް އުފެއްދުން.
- އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އުސްގެކޮޅާ ގުޅިފައިވާ ޕާކު އިންޓަރެކްޓިވް އިމަރސިވް އެކްސްޕީރިއަންސް ފޯރުކޮށްދޭ ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރުން.
- ހއ. އަތޮޅުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށުން.
5. ޤައުމީ ދުވަސް ފާހަގަކުރުން
ރައީސް ވިދާޅުވީ ޖެހިޖެހިގެން 2 އަހަރު ޤައުމީ ދުވަސް ހއ. އުތީމުގައި ފާހަގަކުރުމަށް ގަސްދުކުރައްވާ ކަމަށެވެ. މީގެ މަޤްޞަދަކީ އުތީމު މަހާރަދުންނާއި ކަޅުއޮށްފުންމީގެ ފަހުލަވާނުންގެ ޤުރުބާނީގެ ޒިކުރާ އާކޮށް، އެ މަތިވެރި ޖިހާދުން ލިބޭ ފިލާވަޅުތައް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.
6. ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން
ރައީސް ވިދާޅުވީ ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި، ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު އެކުލަވާލައި، ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް އިޞްލާޙުތައް ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
7. ތަރިކައިން އާމްދަނީ ހޯދުން
ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ތާރީޚުގައި މުޅިން އަލަށް ތަޢާރަފުކުރެވުނު ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެއ ގެންދެވޭނެއެވެ.
8. ޤައުމިއްޔަތު ވަރުގަދަކުރުމުގެ މުހިންމުކަން
ރައީސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވަނީ ދިވެހި ޤައުމުގެ މިނިވަންކަމުގެ އަގާއި ޝަރަފާއި ޢިއްޒަތް ކޮންމެ ދިވެހި ދަރިޔަކަށް އިޙްސާސްވެ، ޤައުމާމެދު ފަޚުރުވެރިވާ ޖީލެއް އުފެއްދުމުގެ މައްޗަށެވެ. މިއީ ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައި ރައީސް ދެކެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ބަޔާނުން އެނގިގެންދަނީ ދިވެހި ޤައުމިއްޔަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް ސަރުކާރުން ދެއްވާ މުހިންމުކަމެވެ. ޓެކްނޮލޮޖީގެ ބޭނުންހިފައިގެން ތަރިކަ ރައްކާތެރިކުރުމާއި، އާ މުއައްސަސާތައް އުފެއްދުމާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، އަދި ތަރިކައިން އާމްދަނީ ހޯދުމުގެ އައު ވިސްނުން ތަޢާރަފުކުރުމަކީ މި ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން