logoEN
ރިޕޯޓް

ރިޔާސީ ބަޔާން 2025: ކުދި އަދި މެދު ފަންތީގެ 374 ވިޔަފާރިއަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު

މުހައްމަދު މޫސާމުހައްމަދު މޫސާ

08 ފެބްރުއަރީ 2025 - 05:13

ރައީސް ޑރ. މުހައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ޤައުމުގެ އިގްތިޞާދުގެ މައި ހަކަތަކަމުގައި ދައުލަތުން ދެކޭކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. މި ވިޔަފާރިތައް ދެމެހެއްޓުމަށާއި ކުރިއެރުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކުދި އަދި މެދުފަންތީގެ 374 ވިޔަފާރިއަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު، ކޮވިޑް ލޯނަށް ލުއިތައް

މިގޮތުން، ފާއިތުވި އަހަރު ތެރޭގައި ކުދި އަދި މެދުފަންތީގެ 374 ވިޔަފާރިއަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު ފައިސާ ދޫކުރެވިފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާށް ފައިސާ ދެއްކުމަށް ލުއިތަކެއް ފޯރުކޮށްދީފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި ލޯނުތަކުގެ އިންޓަރެސްޓް މުޅިން މަޢާފުކޮށް، ލޯނު އަނޯނު އަނބުރާ ދެއްކުމުގެ މުއްދަތު 8 އަހަރުން 10 އަހަރަށް އިތުރުކޮށްދީފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ނިންމުމުގެ ސަބަބުން، 2133 ފަރާތަކަށް 55 މިލިއަން ރުފިޔާގެ އިންޓަރެސްޓް މަޢާފުކުރެވި، 1811 ފަރާތަކަށް ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދެވުނުކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި 2024 ވަނަ އަހަރުގެ ނޮވެމްބަރ 17 ގެ ނިޔަލަށް، ލޯނު އެއްކޮށް ދައްކާ ނިންމާފައިވާ 322 ފަރާތުގެ ތެރެއިން 316 ފަރާތަކަށް، އެ ފަރާތްތަކުން ކުރިން ދައްކާފައިވާ އިންޓަރެސްޓަށްވާ ފައިސާގެ ގޮތުގައި، 3.36 މިލިއަން ރުފިޔާ އަނބުރާ ރައްދުކުރެވިފައިވާކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖިކް އެކްޝަން ޕްލޭން

ދިވެހި ފަންނުވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލައި ލޯންޗުކުރެވިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިއީ ދިވެހި ސަރުކާރަކުން ކްރިއޭޓިވް އިންޑަސްޓްރީއަށް އަމާޒުކޮށްގެން ޤައުމީ ފެންވަރުގައި މިފަދަ ޕްލޭނެއް އެކުލަވާލި ފުރަތަމަ ފަހަރުކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިންޓަރނޭޝަނަލް ޓްރާންސެކްޝަންތައް ފަސޭހަކުރުމުގެ ގޮތުން، ޗައިނާ އަދި އިންޑިއާ ފަތުރުވެރިންނަށް ދިވެހިރާއްޖޭގައި ދެވޭ ޚިދުމަތްތަކަށް ފައިސާ ބަލައިގަތުމަށް ވީ-ޗެޓް ޕޭ އަދި ރޫޕޭ ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމުގެ ނިޒާމު ތަޢާރަފުކުރެވިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މާލީ ޚިދުމަތްތައް ތަރައްޤީކޮށް ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ދިވެހި ސަރުކާރުން އިންޑިއާގެ ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އާއެކު ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް (ޔޫ.ޕީ.އައި) ދިވެހިރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހި ރުފިޔާއާއި ޗައިނާގެ ފައިސާއިން އަދި ދިވެހި ރުފިޔާއާއި އިންޑިއާ ފައިސާއިން މުޢާމަލާތު ކުރުމުގެ މަގު ފަހިކުރުން

ވިޔަފާރިތަކަށް މާލީ ފަސޭހަތައް ހޯދައިދިނުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާކަންވެސް ބަޔާނުން އެނގެއެވެ. މިގޮތުން، ދިވެހި ރުފިޔާއާއި ޗައިނާގެ ފައިސާއިން މުޢާމަލާތު ކުރުމުގެ މަގު ފަހިކުރުމަށް ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ހަމައެހެންމެ، ދިވެހި ރުފިޔާއާއި އިންޑިއާގެ ރުޕީސް އިން މުޢާމަލާތު ކުރުމުގެ މަގު ފަހިކުރުމަށް ދިވެހިސަރުކާރާއި ރިޒާވް ބޭންކު އޮފް އިންޑިއާ އާއި އެކުވެސް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއާއި އަދި އިންޑިއާގެ ވިޔަފާރިތަކާއެކު ކުރާ ފައިސާގެ މުއާމަލާތްތައް ސީދާ ދިވެހި ފައިސާއިން ކުރުމުގެ މަގު ފަހިވެގެންދާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ވިޔަފާރިތަކަކީ އިގްތިޞާދުގެ ހަކަތަކަމަށް ދެކި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް

މިކަން މިހެން އޮތުމާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގްތިޞާދުގެ ހަކަތަކަމަށް ދެކި، މި ވިޔަފާރިތައް ކުރިއެރުވުމަށާއި ދެމެހެއްޓުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން މި ބަޔާނުން ވަރަށް ސާފުކޮށް ފެނެއެވެ. ލޯނު ދޫކުރުމާއި، ލުއިތައް ދިނުމާއި، އަދި ބައިނަލްއަޤްވާމީ މުޢާމަލާތްތައް ފަސޭހަކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަކީ މި ދާއިރާ ކުރިއެރުވުމަށް އެޅިފައިވާ މުހިންމު ފިޔަވަޅުތަކެކެވެ.

ކޮމެންޓް

871x217_placeholder