ބެންޗުޓީމު އަރުވައިގެން ފޮނުއަރުވަނިކޮށް، ދެވަނަ ޑިވިޝަނުގެ ފުލުގައިއޮތް ޓީމެއްއަތުން ލިވަރޕޫލް ކަޓައިފި
10 ފެބްރުއަރީ 2025 - 06:43

ދުނިޔޭގެ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ އިނގިރޭސި އެފް.އޭ ކަޕްގައި ރޭގައި ލިވަރޕޫލް، ދެވަނަ ޑިވިޝަނުގެ ފުލުގައިވާ ޕްލައިމައުތް އަތުން ބަލިވެ، މުބާރާޓައި އަލްވަދާއުކިޔަން ޖެހިއްޖެއެވެ.
ޕްރީމިއަރ ލީގު އަދި ޗެންޕިއަންސް ލީގު ތާވަލުގެ އެއްވަނައިގައިވާ ލިވަރޕޫލް މިމެޗަށް ނިކުތީ ޓީމުގެ ފުރަތަމަ 11 ގެ 10 ކުޅުންތެރިން ގޭގައި ބޭތިއްބުމަށްފަހުގައެވެ. އިނދިކޮޅުގައި ވާދަކުރާ ޕްލައިމައުތް މިވަގުތު އޮތީ ދެވަނަ ޑިވިޝަނުގެ އެންމެ ފުލުގައިކަމަށްވުމުން ލިވަރޕޫލުން މިމެޗު ފަސޭހަކަމާއެކު ކާމިޔާބުކުރެވޭނެ ކަމަށް ބަލައިގެން ކުޅުނު މިމެޗުން އެޓީމު ބަލިވީ 1-0 އިންނެވެ.
މެޗުގެ ހަމައެކަނި ގޯލަކީ ދެވަނަ ހާފުގައި ލިވަރޕޫލުގެ ޕެނަލްޓީ އޭރިޔާތެރެއިން އެޓީމުގެ ކުޅުންތެރިޔާ އެލިއަޓް އަތުގައި ޖެހުނު ބޯޅައަކުން ޕްލައިމައުތް އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މިގޯލު ކާމިޔާބުކޮށްދިނީ ރަޔަން ހަރޑީއެވެ. މިމެޗުގައި ލިވަރޕޫލުގެ ފަރާތުން ގިނަހަމަލާތަކެއް ގޯލާއި އަމާޒުކޮށް ފޮނުވާލިނަމަވެސް، މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދި ޕްލައިމައުތްގެ ގޯލް ކީޕަރު ވަނީ ހަމަލާތައް ހުއްޓުވާފައެވެ.
ރޭގައި ކުޅުނު މިމެޗުން ބަލިވެ ލިވަރޕޫލް މުބާރާތާއި އަލްވަދާއުކިޔާފައިވާއިރު، ރޭގައި އެސްޓަން ވިލާއަތުން ޓޮޓްނަމްވެސް ވަނީ ބަލިވެ މުބާރާތުން ކަޓާފައެވެ. މިމެޗު އެސްޓަންވިލާ އިން ކާމިޔާބުކުރީ 2-1 އިންނެވެ. އަދި މީގެ ކުރިން ޗެލްސީވެސް ވަނީ ބްރައިޓަން އަތުން ބަލިވެ، މުބާރާތާއި އަލްވަދާއުކިޔާފައެވެ.