ރަމަޟާން އިނާޔަތް ފެބްރުއަރީ 20ގެ ކުރިން ދިނުމަށް އަންގައިފި
10 ފެބްރުއަރީ 2025 - 09:46

މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ އަންނަ ހަފްތާގެ ބުރާސްފަތި ދުަވަހުގެ ކުރިން މުވައްޒަފުންނަށް ދިނުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އަންގަވައިފިއެވެ.
އެ ވުޒާރާއިން މިފަދައިން އަންގައިފައިވަނީ ވުޒާރާއިން ނެރުނު ސަރކިއުލާއެއްގައެވެ.
ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދިނުމަށް ޤާނޫނުން ބުނެފައިވާ 3،000 ރުފިޔާ މިމަހުގެ 20 ވަނަ ދުވަހު ދިނުމަށް ސަރކިއުލަރގައި ވަނީ އަންގަވާފައެވެ. މާލީ ވުޒާރާއިން ވަނީ އިނާޔަތުގެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓްކުރުމަށްވެސް ކުންފުނިތަކަށް އަންގަވާފައެވެ.
މާލީ ވުޒާރާއިން އަންގާފައިވަނީ މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށެވެ.
މީގެ އިތުރުން، ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް"އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންވެސް އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް އެ ސަރކިއުލަރގައި އަންގަވާފައިވެއެވެ.
މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށްވެސް އެ ވުޒާރާގެ ސަރކިއުލަރގައި ވަނީ ބަޔާންކޮށްފައެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 1 ވަނަ ދުވަހެވެ.

Ad by Hajj Corporation