ޑިފެންޑަރެއް ކީޕަރަށް ލައިގެން ޒޯނުގެ ތަށި ބްރެޒިލް އިން ކާމިޔާބުކޮށްފި

މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަން ޓީމަކީވެސް އޭދަފުށި. ފޮޓޯ: އިމޭޖެސް.އެމް.ވީ

12 ފެބްރުއަރީ 2025 - 05:55
ބާ ބްރެޒިލް (އޭދަފުށި) އިން ޕެނަލްޓީ ޝޫޓޫގައި އެޓީމުގެ ޑިފެންޑަރ މުހައްމަދު އަޖުފާން ގޯލު ކީޕަރަކަށް އަރައި، 3 ބޯޅަ މަތަކޮށް ޒޯން 3 ގެ ޗެންޕިއަންކަން އޭދަފުށިން ދިފާއުކޮށްފިއެވެ. ޕެނަލްޓީގައި އެޓީމު ކާށިދޫގެ މައްޗަށް ފައިނަލުގައި ކުރިހޯދީ 3-1 އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މިމެޗުގެ 2 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާއި ގުޅިގެން އޭދަފުށީގެ ފުރަތަމަ ކީޕަރު އަހުމަދު ނާސިޙު ވަނީ ދަނޑުން ބާލާފައެވެ. އަދި ދެވަނަ ކީޕަރު އަހުމަދު އިރުފާން ދެވަނަ ހާފުގައި ދެއްކި ރަތްކާޑަކާއެކު އޭނާވެސް ވަނީ މެޗުން ބޭރުކޮށްފައެވެ. އެހެންކަމުން މެޗުގެ ބާކީބައި ފުރިހަމަ ކުރަންޖެހުނީ އެޓީމުގެ އައުޓްފީލްޑް ކުޅުންތެރިއެއްގެ ގޮތުގައި ހިމަނާފައިވާ ޑިފެންޑަރ އަޖުފާން ގޯލުކީޕަރަކަށް ލައިގެންނެވެ. އެހެންކަމުން ޕެނަލްޓީގައިވެސް އޭދަފުށީގެ ގޯލުބަލަހަށްޓަންޖެހުނީ އަޖުފާންއަށެވެ.
އަޖުފާން ވަނީ ގޯލުކީޕަރަކަށް އަރައި ކާށިދޫގެ އަބްދުﷲ ސުޒެއިރު އާއި އެ ޓީމުގެ ކެޕްޓަން، އަކުމަލް މުހައްމަދު (އަކޫބެ) އަދި ޝައްފާން ހަލީމް ފޮނުވާލި ޕެނަލްޓީތައް ދިފާއުކޮށްފައެވެ. އަޖުފާން ކައިރިން ވަނީ ކާށިދޫގެ އިލްވާން މުހައްމަދު ޖެހި ޕެނަލްޓީ އެކަންޏެވެ. އޭދަފުށިން ވަނީ އެޓީމުޖެހި 3 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މިޕެނަލްޓީތައް ޖަހާފައިވަނީ މުހައްމަދު ފާސިރު (ފާއްޓެ) އާއި އަލީ ނަސީމް (ދިއްލި) އަދި ހުސެއިން ޝަރީފް (މުޑާ) އެވެ.
ޒޯނުގެ އެންމެމޮޅު ކުޅުންތެރިޔަކަށް އަދި އެންމެ ގިނަގޯލުޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓެ) އެވެ.
މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތައް: (12 ފެބުރުވަރީ 2025)
20:00 ހދ. ނައިވާދޫ – ހއ. ދިއްދޫ (ފައިނަލް)
20:00 ރ. އިނގުރައިދޫ – ރ. ދުވާފަރު (ފައިނަލް)
------------------------------------------
22:00 އއ. މަތިވެރި – އދ. މަހިބަދޫ (ފައިނަލް)
22:00 ފުވައްމުލައް – ގދ. ވާދޫ (ފައިނަލް)
------------------------------------------
އިތުރު ލިޔުންތައް

ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގުރުލައިފި
3 މަސް ކުރިން
ބަތްޕެންތަ؟ ގޮޅަ ރިހަ ތަ؟ ގޯލްޑަން ޗެރިޓީ ގަދަހިފުން މިރޭ
2 މަސް ކުރިން
ގޮޅަރިހައިގެ ވަރުދައްކާލައި ޝީލްޑް ހަދިޔާ ފަލަސްޠީނަށް
2 މަސް ކުރިން