ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު ދަށަށް
13 ފެބްރުއަރީ 2025 - 13:12

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު މަދުވަމުން އަންނަ ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުން މިހާތަނަށް 67 ކުއްޖެއް ފޮސްޓާކޮށްފައިވާ ކަމަށްވެސް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
ޖެންޑާ މިނިސްޓްރީގެ މަސައްކަތް ކުރިއަށްދާ ގޮތުގައި މައުލޫމާތު ހިއްސާ ކުރަމުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޝަތު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލާތައް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 67 ކުއްޖަކަށް އާއިލާތައް ހޯދައިދެވިފައިވާ ކަމަށެވެ.
އާއިލާތަކުން ކުދިން ފޮސްޓާ ކުރުމަކީ އެ މަސައްކަތުގައި ކުރިއަށް ދިއުމުގައި ލިބޭ އިތުރު ހިތްވަރެއްކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ، އުންމީދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ތިބި 139 ކުދިންނަށް އާއިލާތައް ހޯދައިދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ ސެންޓަރުތަކުގައި ތިބި ކުދިންގެ އަދަދު 2022 ވަނަ އަހަރާ އަޅާބަލާއިރު، 2024 ވަނަ އަހަރު ގާތްގަނޑަކަށް 19 އިންސައްތައިން ދަށްވެފައިވާ ކަމަށެވެ. އަދި ދައުލަތަށް އާ ކުދިން ނެގޭ މިންވަރު 23 އިންސައްތަ ދަށަށް ގޮސްފައިވާކަން ވެސް ފާހަގަކުރި އެވެ.