ޑިއުރަން ގެ މޮޅުކުޅުމާއެކު އަލް-ނަސްރުން އަލް-އަޙްލީ ބަލިކޮށްފި

ރޭގެ މެޗުގެ 2 ގޯލުޖެހި ޑިއުރަން. ފޮޓޯ: އަލް-ނަސްރު

14 ފެބްރުއަރީ 2025 - 06:45
ސައުދީ ޕްރޯ ލީގުގައި އި އަލް-ނަސްރުން ވަނީ 10 ކުޅުންތެރިންނާއެކު ކުޅެމުން، އަލް-އަހްލީ އާ ދެކޮޅަށް 2-3 އިން މޮޅުވެއްޖެއެވެ. މި މެޗުގައި ޖޯން ޑިއުރަން ވަނީ އޭނާގެ ފޯމު ދަމަހައްޓާ 2 ލަނޑު ޖަހާފައެވެ.
އެސްޓަން ވިލާ އިން އަލް-ނަސްރަށް މިދިޔަމަހުގައި ބަދަލުވި ޑިއުރަން ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް 2 ލަނޑު ޖަހާފައެވެ. އަލް އިންމާ ބޭންކް ސްޓޭޑިއަމްގައި ބޭއްވުނު މި މެޗުގައި ޑިއުރަން ފުރަތަމަ ލަނޑު ޖެހީ 32 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިއާ ބޭރުން ފަންނީ ގޮތަކަށް ޖެހި ވަރުގަދަ ޝޮޓަކުންނެވެ.
މެޗުގެ ދެވަނަ ހާފުގައި އަލް-އަހްލީގެ އަލީ މަޖްރަޝީ ޖެހި ލަނޑު ވީއޭއާރު އިން ބަލައި އުވާލާފައެވެ. އަދި އަލް-ނަސްރުގެ މުހައްމަދު ސިމަކަންއަށް ވަނީ ދެވަނަ ހާފުގައި ރަތް ކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭގެ ފަހުން އަލް-އަހްލީގެ އިވާން ޓޯނީ ވަނީ 78 ވަނަ މިނެޓްގައި ހެޑަރަކުން ލަނޑެއް ޖަހާފައެވެ.
ނަމަވެސް އޭގެ 2 މިނެޓް ފަހުން އަލް-ނަސްރުގެ އައިމަން ޔަހްޔާ ވަނީ އަލް-އަހްލީގެ ގޯލްކީޕަރު އެޑްވާޑް މެންޑީ ގެ އަތުން އެނބުރި އައި ބޯޅައިން ލަނޑެއް ޖެހިއެވެ. 88 ވަނަ މިނެޓްގައި ޑިއުރަން އޭނާގެ ދެވަނަ ލަނޑު ޖެހުމަށްފަހު، މެޗުހގެ އިތުރުވަގުތުގައި އަލް-އަހްލީއިން ވަނީ ގޯލެއްޖަހައި ފަރަގުކުޑަކޮށްފައެވެ. މެޗުނިމުނީ 3-2 އިންނެވެ.
އަލް-ނަސްރް ޓީމުގައި ފުރަތަމަ 11 ގައި ރޮނާލްޑޯ އާއި މާނޭ އާއި ލަޕޯރޓް ފަދަ މަޝްހޫރުކުޅުންތެރިން ހިމެނޭއިރު، އަލް-އަހްލީގައި އައިވަން ޓޯނީ، ކެސޭ، މަހްރޭޒް ފަދަ މަޝްހޫރުކުޅުންތެރިން ހިމެނިފައިވެއެވެ.
މރޭގެ މޮޅާއެކު އަލް-ނަސްރު ވަނީ ލީގުގެ އެއްވަނައިގައި އޮތް އަލް-އިއްތިހާދާ 5 ޕޮއިންޓަށް ކައިރިވެފައެވެ.