އަލް ނަޞްރުގެ ކޯޗުކަމުން ޕިއޯލީ ވަކިކޮށްފި
25 ޖޫން 2025 - 09:36

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރުގެ ކޯޗުކަމުން ސްޓެފާނޯ ޕިއޯލީ ވަކިކޮށްފިއެވެ. މިކަން އެ ކްލަބުން މިއަދު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އިޓަލީގެ ތަޖުރިބާކާރު ކޯޗު ޕިއޯލީ އަލް ނަޞްރުގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ، ސަޑިއޯ މާނޭ އަދި ޖޮން ޑުރާން ފަދަ ތަރިން ޓީމުގައި ތިބި ނަމަވެސް، އޭނާގެ ދަށުން އެއްވެސް މުހިންމު މުބާރާތެއް ކާމިޔާބު ނުކުރެވުނެވެ.
އަލް ނަޞްރުން މިއަދުނެރުނު ބަޔާނުގައި ބުނެފައިވަނީ "އަލް ނަޞްރުގެ ކޯޗު، މިސްޓަރ ސްޓެފާނޯ ޕިއޯލީއާ އެކު އޮތް އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އޭނާ އަދި އޭނާގެ ސްޓާފުން ކޮށްދެއްވި އެންމެހާ މަސައްކަތްތަކަށް ޝުކުރު އަދާކޮށް، އެ ފަރާތްތަކަށް ކާމިޔާބު އެދެމެވެ."
ޕިއޯލީގެ ބަދަލުގައި އަލް ނަޞްރުގެ ކޯޗުކަމަށް ބެލްޖިއަމްގެ މާކް ބްރިސް އައުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. މިހާރު ކެމަރޫނުގެ ގައުމީ ޓީމުގެ ކޯޗުކަން ކުރަމުންދާ 63 އަހަރުގެ ބްރިސްއަކީ ކުރިން ސައުދީ އަރަބިއްޔާގައި ކޯޗުކަން ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ.
އަލް ނަޞްރުގެ ސްޓަރ ސްޓްރައިކަރު ރޮނާލްޑޯ ވަނީ އަންނަ ސީޒަނުގައިވެސް އެ ކްލަބުގައި ކުޅޭނެކަން ކަށަވަރުކޮށްދީފައެވެ. 2022 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން އަލް ނަޞްރަށް ބަދަލުވި ފަހުން، 40 އަހަރުގެ ރޮނާލްޑޯ ވަނީ 105 މެޗުން 99 ލަނޑު ޖަހާފައެވެ. އަދި ވޭތުވެދިޔަ ދެ ސީޒަނުގައިވެސް ސައުދީ ޕްރޮ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.