ފިޖެޓް ސްޕިނަރ - މީމް އަކުން އެންމެމޮޅު އެއް ކުޅުންތެރިޔާއަށް
.png&w=3840&q=75)
"ފިޖެޓް ސްޕިނަރ އެންތޮނީ" މީމްއެއް

17 ފެބްރުއަރީ 2025 - 08:32
އެއްބުމަ އުފުލާލުމަށްފަހު ދަނޑުމައްޗަށް އަރައި ތާވާޅެއްހެން އެނބުރިސް އެނބުރި ހަދާތީ މަލާމަތްކުރަމުންގެންދިޔަ އެންތޮނީ އަކީ މިވަގުތު ސްޕެނިށް ލީގުގައި އެންމެ ފޯމުގައިހުރި އެއް ކުޅުންތެރިޔާއެވެ.
2022 ވަނަ އަހަރުގެ ޓްރާންސްފަރ މާކެޓްގައި ރަފީނިޔާގެ ބަދަލުގައި 100 މިލިޔަނަށްވުރެ ބޮޑު ޚަރަދެއްކޮށްގެން މެންޗެސްޓަރ ޔުނައިޓެޑް އަށް ގެނައި އެންތޮނީއަށް އިނގިރޭސި ލީގުގައި ކުރިމަތިލީ މަލާމާތާއި ފުރައްސާރައެވެ. އެންތޮނީގެ ފީއަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ރެކޯޑް ޓްރާންފަރ ފީއެކެވެ. ނަމަވެސް އޭނާގެ ބޮޑު އަގުގެ ބުރަދަން ބޮލަށް ލައިގެން، އެންމެ ނުފޫޒުގަދަ މީޑިޔާތަކުގެ ކުރިމަތީގައި ހަމަނޭވައެއް ލުމުގެ ފުރުސަތު އެންތޮނީ އަކަށް ނުލިބުނެވެ. ބައެއް ފަރާތް ތަކުން އޭނާއަކީ ފުޓްބޯޅަ ކުޅުންތެރިއެއް ނޫންކަމަށާއި އޭނާއަކީ 'ފިޖެޓް ސްޕިނަރ' އެއްކަމަށް ލޭބަލްކޮށް މުޅި އިނގިރޭސި މީޑިޔާ އޭނާގެ މަސްކައި ހުސްކުރިއެވެ. ފަހަކަށް އައިސް ޔުނައިޓެޑްގެ ބެންޗުޓީމުން އަދި ފުރަތަމަ 11 އިން ޖާގަ ލިބެނީ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. އަދި މެޗެއްގައި ކުޅެލަން ލިބެނީ މަދު މިނެޓުކޮޅެކެވެ. ކޯޗުން އޭނާއާމެދު ކުރާ އިތުބާރު އެއްކޮށް ކެނޑިގެންދިޔައެވެ.
މިކަންކަމުން ސަލާމަތްވުމަށް އެންތޮނީ މިހާރުހުރީ ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް ބެޓިސްގައެވެ. މަލާމާތާއި ފުރައްސާރައަށް ބެލުމެއްނެތި އެންތޮނީ މިއަދު އެދައްކައިދެނީ އޭނާއަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް ނަމަވެސް، އަސްލު މައްސަލައަކީ އޭނާގެ ކުރީގެ ކުލަބުކަމެވެ. މިދެކެވެނީ މެންޗެސްޓަރ ޔުނައިޓެޑްގެ ވާހަކައެވެ. އެންތޮނީގެ ކުރީގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑް މިހާރުއޮތީ ރެލިގޭޝަނާއި ގާތުގައެވެ. ޔުނައިޓެޑުގެ ޖޯޒީގައި ދެއަހަރުދުވަހު އެންތޮނީއަށް ޖެހުނީ އެންމެ 5 ގޯލެވެ. އަދި ޔުނައިޓެޑް ގެ ޖޯޒީގައި ވޭދުވެދިޔަ އެއްއަހަރުދުވަހު އެންތޮނީއަށް ޖެހިފައިވަނީ އެންމެ 2 ގޯލެވެ.
ޔުނައިޓެޑް ޖޯޒީގައި ދުނިޔޭގެ މޮޅުކުޅުންތެރިން ހަލާކުވެގެންދާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އޭގެ މިސާލަކަށް ބަލާނަމަ ޕޮގްބާއިން ފެށިގެން، ސަންޗޭޒް، ވެންޑެބީކް، ސަންޗޯ، ޑިމާރިއާ އަދި ކެސެމީރޯއަކީ ޔުނައިޓެޑަށް ބަދަލުވިއިރު 'ވޯލްޑް ކްލާސް' ކުޅުންތެރިން ނަމަވެސް މީގެ އެއްވެސް ކުޅުންތެރިޔަކަށް ޔުނައިޓެޑް ޖޯޒީގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ޔުނައިޓެޑްގެ ޖޯޒީގައި މިކުޅުންތެރިންގެ އަސްލު ފެންވަރު ގެނެވޭނެ އެއްވެސް ފޯމިއުލާއެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
އެންތޮނީ އަންނަނީ ބެޓިސް ޖޯޒީގައި މޮޅުކުޅުމެއް ދައްކަމުން.
މިވީ ކިހިނެތްހެއްޔެވެ؟! މައްސަލަ އަކީ އެންތޮނީ ހެއްޔެވެ؟ ނުވަތަ ޔުނައިޓެޑުގެ ބޯޑު ހެއްޔެވެ؟ ނުވަތަ ޔުނައިޓެޑުގެ ކުޅުންތެރިންހެއްޔެވެ؟ ނުވަތަ ޔުނައިޓެޑުގެ ސަޕޯޓަރުން ހެއްޔެވެ؟
އެންތޮނީ އަންނަނީ ބެޓިސްއަށް ބަދަލުވުމަށްފަހު މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން ރޭގައި ކުޅުނު މެޗުގައި ވޮލީއަކުން ގޯލުޖަހައިފައިވެއެވެ. އޮންތޮނީ މިދިޔަ ޖަނަވަރީމަހުގައި ސްޕެއިން އަށް ބަދަލުވެ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުގައި މޭން އޮފް ދަ މެޗް ހޯދާފައިވެއެވެ. އަދި 4 މެޗުން 3 ގޯލާއި 1 އެސިސްޓާއެކު ޕެނަލްޓީއެއް ހޯދައިދީފައިވެއެވެ. މިހާރުގެ ރޭޓަށް ބަލާނަމަ ޖަނަވަރީ މަހުގެ ލަލީގާގެ އެންމެ މޮޅުކުޅުންތެރިޔާކަންވެސް އެންތޮނީއަށް ލިބުން ގާތެވެ. މިވަގުތު ލަލީގާގައި ރަފީނިޔާ އާއެކު އެންމެ ފޯމުގައި ހުރި އެއްކުޅުންތެރިޔަކީވެސް އެންތޮނީއެވެ.