މުނިސިޕަލް ޚިދުމަތް ދެވޭނެ ވަޞީލަތްތައް އުފައްދަންޖެހޭ: ވަޒީރު އާދަމް ޝަރީފު
20 ފެބްރުއަރީ 2025 - 10:12

މުނިސިޕަލް ޚިދުމަތް ދެވޭނެ ވަޞީލަތާއި މީހުންގެ ޤާބިލުކަން އުފައްދަން ޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޕަބްލިކް ވާރކްސްގެ ޚިދުމަތް ދިނުމާއި ތަރައްޤީކުރުމާ ބެހޭ ސިޔާސަތުގެ ގޮތުގައި މައިގަނޑު 6 ސިޔާސަތެއް އެކުލަވައިލާ ހިންގަވަމުން އަންނަ ކަމަށެވެ. އެއީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގެގޮތުން، ޕަބްލިކް ވޯކްސްގެ ދާއިރާއިން ކުރަން ޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގެ ސިޔާސަތާއި، އިދާރީ ދާއިރާތަކުގައި އާންމު މަސައްކަތްތައް ކުރުމަށް ޓަކައި ކޮންމެ އަތޮޅެއްގައި ޕަބްލިކް ވާރކްސް ޔުނިޓް ޤާއިމް ކުރުމުގެ ސިޔާސަތުތައް ކަމަށެވެ.

Ad by Hajj Corporation
މީގެ އިތުރުން ޕަބްލިކް ވާރކްސްގެ ދާއިރާއިން، އިދާރީ ދާއިރާތަކުގައި ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ކުރެވޭނެ ނިޒާމު ޤާއިމުކުރުމުގެ ސިޔާސަތާއި، ޕަބްލިކް ވާރކްސް މަސައްކަތްތަކަށް ބޭނުންވާ ހެވީ ވެހިކަލްސް، މެޝިނަރީސް އަދި އިކުއިޕްމަންޓްސް ހޯދުމާއި ތަރައްޤީ ކުރުމުގެ ސިޔާސަތާއި، ޕަބްލިކް ވާރކްސް މަސައްކަތްތަކަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގެ ސިޔާސަތާއި އަދި ޤުދުރަތީ ކާރިޘާތަކާއި ޙާދިޘާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ސިޔާސަތައް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، ޕަބްލިކް ވާރކްސްގެ 7 ޔުނިޓެއް މިހާރުވެސް އަތޮޅުތެރޭގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ރ. މާކުރަތުގައި ޕަބްލިކް ވާރކްސް ޔުނިޓް އުފެއްދުމަށް ނިންމާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.